ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށް، 3 އަހަރު ތެރޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެވިއްޖެ: ނައިބު ރައީސް
ލިޔުންތެރިޔާ
"ހަފުތާ 156" ޕްރޮގްރާމުގައި ނައިބް ރައީސް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ/ ރައީސް އޮފީސް
ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިޤްތިޞާދު އޮތް ނާޒުކު ހާލަތުން އަރައިގަނެ، ގައުމު ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްކޮށްދެވުނީ ސަރުކާރުން އެޅި ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ދަތި އުނދަގޫތަކާއެކު ވެސް ވޭތުވެދިޔަ 3 އަހަރު ތެރޭ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އިޤްތިޞާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސަރުކާރުން ހުއްޓުމެއް ނެތި ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަގުނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ދަތި ދަނޑިވަޅުތަކުގައި ވެސް ސަރުކާރުން އިސްކަންދިނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް އަޅަން ފެށުމުން ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އަލުން ލިބެން ފަށާފައިވާ ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ބޮޑެތި އަދަދުތަކުން ޤަވާއިދުން ދައްކަމުންދާއިރު، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު އުފުލި، ރަސްމީ ރިޒާވް ވެސް ކުރިއަރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށާއި ބޭރުގެ ދަރަނިތައް މެނޭޖްކުރުމަށް އަޅަންޖެހުނު ހަރުދަނާ ފިޔަވަޅުތަކާއެކު ވެސް، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ މުހިންމު ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ސަރުކާރަށް ހާސިލުކުރެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް