Article Top
ޚަބަރު •

ސިޔާސަތުތައް ބައްޓަންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް: ނައިބު ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސިޔާސަތުތައް ބައްޓަންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް: ނައިބު ރައީސް

"ހަފުތާ 156" ޕްރޮގްރާމުގައި ނައިބް ރައީސް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ވެސް ބައްޓަންކުރެވެމުން ދަނީ ދިވެހި ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ލިބޭނެ ގޮތުގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ހާސިލުކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށެވެ. އަދި ސަރުކާރުން އެކުލަވާލާ ކޮންމެ ސިޔާސަތަކީ ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ގައުމަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެ ކަންކަން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، އިގުތިސާދީ ދާއިރާ ހަރުދަނާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ތަފާތު ލޯނު ސްކީމްތައް ތައާރަފުކޮށް، ވިޔަފާރިތައް އިޝްތިހާރުކޮށް ކުރިއެރުވުމަށް އެކްސްޕޯތަކެއް ވެސް މިހާތަނަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ވަކި ދާއިރާއެއް އިސްތިސްނާނުކޮށް، މުޅި ރާއްޖެއަށް ވަށާޖެހޭ ތަރައްގީއެއް ގެނެސްދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް