ސަރުކާރުގެ އިޞްލާޙީ ފިޔަވަޅުތަކަށާއި ތަރައްޤީއަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން އެބަ އޮތް: އަބްދުއްރަހީމް
ލިޔުންތެރިޔާ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށާއި ތަރައްޤީއަށްޓަކައި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކަށް އަލިއަޅުވާލައި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ މާލީ ގޮތުން ޤައުމު ބަނގުރޫޓުވުމުގެ މަގަށް ގޮސްފައި އޮތް އޮތުން ހުއްޓުވައި، ދައުލަތުގެ ދަރަނިތައް މެނޭޖްކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ. ކުރީ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތަކާއި ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައި އޮތް ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ.
މީގެއިތުރުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރައިން 50 އިންސައްތަ އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މުސާރައިން ވެސް 50 އިންސައްތަ ނުނަންގަވާނެކަން ވަނީ ހާމަކުރައްވާފައެވެ. މިއީ ޤައުމުގެ އިޤްތިޞާދީ އިޞްލާޙަށްޓަކައި ސަރުކާރާއި މަޖިލީހުގެ ލީޑަޝިޕުން ވެވަޑައިގަންނަވާ ޤުރުބާނީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ލިބިފައިވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ޤާނޫނުތަކާއި އިޞްލާޙުތައް އަވަހަށް ފާސްކޮށް، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި މަޖިލީހުން އަބަދުވެސް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް