އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
ލިޔުންތެރިޔާ
ކޯޓު ކޮޕްލެކްސްގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރީ
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ނުވަތަ "މާލެ ކޯޓު ކޮމްޕްލެކްސް"ގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރިކާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކާ އިންވެގެން އޮތް 29،490 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ 14 ފަންގިފިލާގެ މި އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަމަޖެހިފައިވާ މި ކޮމްޕްލެކްސްގައި ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގު ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފީސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންދިއުމަށް ކޯޓުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖާގައިގެ ދަތިކަމެވެ. އަދި ކޯޓުތަކުގެ ގާބިލުކަން އިތުރުކޮށް، ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް