"މަސްވެރިންނަށް 2.3 ބިލިއަން ރުފިޔާ ދޫކުރިއިރު، 1.3 ބިލިއަން އަކީ 48 ގަޑިއިރު ނުވަނީސް ދެމުން އައި ފައިސާ"
ލިޔުންތެރިޔާ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
މި ސަރުކާރު ހަވާލުވީއިރު މަސްވެރިކަމުގެ ސިނާއަތް ވެސް އޮތީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، އެ ޙާލަތު ބަދަލުކޮށް މިހާރު މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޫކުރަމުން އަންނަ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު މަސްވެރިންނަށް ނުދައްކާ އެތައް ފައިސާއެއް އޮތް ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ނުދައްކާ ހުރި ފައިސާގެ އަދަދު 250 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ކަމަށާއި، މި ސަރުކާރުން އެ ފައިސާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އެ ފައިސާ ދެއްކުމަށް ފަހު، މިއަދާ ހަމައަށް އައިއިރު މަސްވެރިންނަށް 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އޭގެ ތެރެއިން ވެސް، 1.3 ބިލިއަން ރުފިޔާ އަކީ އެމަނިކުފާނުފެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ނުވަނީސް ދެމުން އައި ފައިސާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން މިހާރު އެ ވައުދު ފުދެމުން އަންނަ ކަަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ. ކޯލްޑް ސްޓޯރޭޖް ޤާއިމު ކުރުމާއި، ފެކްޓްރީތައް އެޅުމާއި، އައިސްޕްލާންޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންޤިލާބެއް ލިބިގެން ދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް