ޤައުމަށް ވަފާތެރި ޒުވާނެއް އުފެއްދުމަކީ، އިމާރާތްތަކެއް އެޅުމަށް ވުރެ ބޮޑު ކަމެއް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ޤައުމު ދެކެ ލޯބިވާ އަދި ޤައުމަށް ވަފާތެރި ޒުވާނެއް އުފެއްދުމަކީ، އިމާރާތްތަކެއް އެޅުމަށް ވުރެ ބޮޑު ކަމެއް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ ސަރުކާރުން ކުރިއަށް ގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ. މިހާތަނަށް ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ އަދަދަކީ 1028 ކަމަށާއި، މިހާރު ވެސް 300 އަށް ވުރެ ގިނަ ކުދިން އެ ތަމްރީނު ފުރިހަމަ ކުރަމުން އަންނަ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެ ޕްރޮގްރާމްގެ ތެރެއިން ކޮންމެ އަހަރަކު ވެސް މަދުވެގެން 1000 ކުދިން ތަމްރީނު ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރު ކުރެވޭ މިންވަރަކުން، އެ އަދަދު 1000 އަށް ވުރެ ވެސް ގިނަކޮށް، 1500 އާ ހަމައަށް ވެސް ގެންދެވޭތޯ ބައްލަވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެ ވާހަކަ ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޤައުމު ދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތް ކުރާނެ، މައިންބަފައިން ފަޚުރުވެރިވާނެ ފަދަ ޒުވާނެއް ބިނާ ކުރުމަކީ، އިމާރާތްތަކެއް އެޅުމަށް ވުރެ ވެސް ބޮޑު ކަމެއް ކަަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަވަނީ އެ ސަބަބާ ހުރެ ކަމަށާއި، އެއީ އެތައް ގޮތަކުން ފައިދާ ވާނެ ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވައިފަ އެވެ.
އޭގެ އިތުރުން އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އަތްލެވޭ ތަރައްޤީއާ އެއްވަރަށް އެއީ ވެސް ބޭނުންވާ ތަރައްޤީއެއް ކަމަށެވެ. އަދި ރައީސް ވަނީ އެކަކު އަނެކަކަށް އިޙުތިރާމް ކުރުމަށް ވެސް އެދިވަޑައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް