ކުޅިވަރުގެ ވަސީލަތްތައް ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ވަނީ ފެށިފައި: ރައީސް
ލިޔުންތެރިޔާ
ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --
ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އެކަށީގެންވާ ފުރުސަތުތަކާއި ވަސީލަތްތައް ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ވަނީ ފެށިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޒުވާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ފެށިފައިވާ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ޒުވާނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވައި ވިޔަފާރީގެ ދާއިރާއަށް ނެރުމަށްޓަކައި ލޯނު ސްކީމްތައް ތަޢާރަފުކުރުމާއި، އަމިއްލަ ވިޔަފާރިތަކުގައި ޒުވާނުންގެ ދައުރު ފުޅާކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންގެ ވަޒީފާތަކަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް