Article Top
ކުޅިވަރު •

ޕާކިސްތާން ބަލިކޮށް އިންޑިއާއަށް 10 ވަނަ ސާފް ޗެމްޕިއަންޝިޕް ތަށި، ރާއްޖެއަށް ފެއާޕްލޭ އެވޯޑް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޕާކިސްތާން ބަލިކޮށް އިންޑިއާއަށް 10 ވަނަ ސާފް ޗެމްޕިއަންޝިޕް ތަށި، ރާއްޖެއަށް ފެއާޕްލޭ އެވޯޑް

އިންޑިއާ ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލަނީ -- ފޮޓޯ/ ސާފް

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި، ފަހަތުން އަރައި ޕާކިސްތާން ބަލިކޮށް އިންޑިއާއިން މުބާރާތުގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ހޯދި އިރު، ދިވެހިރާއްޖެއަށް މުބާރާތުގެ ފެއާ ޕްލޭ އެވޯޑް ލިބިއްޖެ އެވެ އެވެ.

މިއީ ވިދިވިގެން ތިންވަނަ ފަހަރަށް އިންޑިއާއިން މި ތަށި ކާމިޔާބުކުރި ފަހަރެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު އިންޑިއާއިން ކާމިޔާބުކުރީ ފަހު ހާފުގައި ޖެހި ލަނޑުތަކުންނެވެ.

ކްރިކެޓް ފަދަ ކުޅިވަރުތަކުގައި އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި އޮންނަ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ކުޅުންތެރިން ސަލާމްކުރުން ފަދަ ކަންކަން އާންމުކޮށް ނުފެނުނު ނަމަވެސް، މި މުބާރާތުގެ ފައިނަލަށްފަހު އިންޑިއާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ޕާކިސްތާނުގެ ކުޅުންތެރިންނާސަލާންކޮށް ކުޅިވަރުގެ ރީތި ނަމޫނާ ދައްކައިދީފަ އެވެ.

މިއީ ޕާކިސްތާން މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ ޓީމް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަނީ އިންޑިއާ އަތުން 3-2 އިން ބަލިވެފަ އެވެ. ނަމަވެސް ފަހު މެޗުގައި 3-0 އިން ދިވެހިރާއްޖެ ބަލިކުރި އެވެ. އަދި ފައިނަލަށް ދިޔައީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ޕާކިސްތާނަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މިޑްފީލްޑަރު އާލަމްގީރު ގާޒީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗު ބަދަލުވެގެންދިޔައީ 59 ވަނަ މިނެޓުގަ އެވެ. އިންޑިއާގެ މިޑްފީލްޑަރު ބްރައިސަން ފެނާންޑޭސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރު އިން ޗެކްކުރުމަށްފަހު، ޕާކިސްތާނުގެ ޑިފެންޑަރު ޖުނައިދު ޝާހަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ޕާކިސްތާނުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެންޖެހުމުގެ ފައިދާ އިންޑިއާއިން ވަގުތުން ނެގިއެވެ. އެގޮތުން 59 ވަނަ މިނެޓުގައި ކަނާތްފަރާތުން ނަގައިދިން ހުރަހަކުން ސުހައިލް އަހުމަދު ބަޓް ވަނީ ގޯލު ޖަހައި އިންޑިއާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް 88 ވަނަ މިނެޓުގައި އިންޑިއާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އަބްދުލް ރަބީހު ނަގައިދިން ކޯނަރަކުން ޑިފެންޑަރު ސަންދީޕް މަންދީ ބޮލުން ފޮނުވާލައިގެންނެވެ. ޕާކިސްތާނުން މެޗުގެ ފަހު ވަގުތުކޮޅުގައި ނަތީޖާ ހަމަހަމަކުރަން ގޯލުކީޕަރު ޔޫސްފް ބަޓްވެސް ކުރިއަށް އަރައި މަސައްކަތްކުރި ނަމަވެސް، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ހަމަލާތައް ހުއްޓުވައި 10 ވަނަ ފަހަރަށް ޗެމްޕިއަންކަން ކަށަވަރުކޮށް ފައެވެ.

އިންޑިއާ ވަނީ 1993، 1997، 1999، 2005، 2009 ،2011، 2015 އަދި 2021، 2023 ގައި ވެސް ސާފް ޗެމްޕިއަންޝިޕް ތަށި ކާމިޔާބު ކޮށްފަ އެވެ. އޭގެތެރޭން 1997 އަދި 2009 ގައި ފައިނަލް ކާމިޔާބު ކުރީ ރާއްޖެއާ ދެކޮޅަށް ކުޅެގެންނެވެ. ހަމައެއާއެކު ދިވެހިރާއްޖެ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ވެސް ފައިނަލްގައި އިންޑިއާ ބަލިކޮށެވެ.

ސާފް ޗެމްޕިއަންޝިޕް 2026 ގެ ވަނަތައް:

  • ފެއާޕްލޭ އެވޯޑް: ދިވެހިރާއްޖެ

  • ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ: ސަންދީޕް މަންދީ (އިންޑިއާ)

  • އެންމެ މޮޅު ގޯލްކީޕަރު: އަރްޝް އަންވަރު ޝައިހް (އިންޑިއާ)

  • އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ: ސުހައިލް އަހުމަދު ބަޓް (އިންޑިއާ - 4 ލަނޑު)

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ސުހައިލް އަހުމަދު ބަޓް (އިންޑިއާ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް