Article Top
ކުޅިވަރު •

ގައުމީ ފުޓްބޯޅަ ޓީމު އިތުރަށް ކުރިއަރުވަން ބޮޑެތި ބަދަލުތަކެއް ބޭނުންވޭ: ސޮބާ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ފުޓްބޯޅަ ޓީމު އިތުރަށް ކުރިއަރުވަން ބޮޑެތި ބަދަލުތަކެއް ބޭނުންވޭ: ސޮބާ

ސޮބާ -- ފޮޓޯ/ އަދަދު ސްޕޯޓްސް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށްޓަކައި ކުޅުންތެރިންގެ ފިޓްނަސް އަދި ޓެކްނިކަލް އެހީތެރިކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ބުނެފި އެވެ.

ކުރީގެ ތަޖުރިބާކާރު ޑިފެންޑަރު ފާހަގަކުރި ގޮތުގައި، ޗައިނާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުން ފެށިގެން އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް، ޓީމުގެ ހުރި މުހިންމު ކަންކަން ވަނީ ފާހަގަވެފަ އެވެ. ވަރުގަދަ ޓީމުތަކާ ވާދަކުރާއިރު، ކުޅުންތެރިން ތަރައްގީކުރުމުގެ މައިގަނޑު ހަތަރު ތަނބު ކަމަށްވާ ޓެކްނިކަލް، ޓެކްޓިކަލް، ފިޒިކަލް އަދި ނަފްސާނީ ނުވަތަ ސައިކޮލޮޖިކަލް ބައިގެ ތެރެއިން އެއްވެސް ބައެއް ދޫކޮށްލައިގެން ނުވާނެ ކަމަށް އޭނާ ސޯޝަލްމީޑީއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.

ސޮބާ ބުނި ގޮތުގައި ރާއްޖެއިން އެންމެ ބޮޑަށް ކުރިއަރަންޖެހެނީ ޖިސްމާނީ ގޮތުން، ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަނިން ރަނގަޅުކުރުމަށެވެ. އަދި ބައިނަލްއަގުވާމީ ޕްރެޝަރުބޮޑު މާހައުލުތަކުގައި ކުޅުންތެރިންގެ ކުޅުން ދެއްކޭނެ ގޮތް ހެދުމާއި، ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުރުރާސްތާގެ ޓެކްނިކަލް އެހީތެރިކަމެއް، ހާއްސަކޮށް ފިޓްނަސް އަދި ކޮންޑިޝަނިން އަށް ހާއްސަ ކޯޗެއް ނެތި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަކީ ދަތިކަމެއް ކަމަށް ސޮބާ ފާހަގަކުރި އެވެ. ސަރަހައްދުގެ އެހެން ގައުމުތަކުން ކުޅިވަރުގެ ސައިންސަށާއި ޕްރޮފެޝަނަލް ސަޕޯޓް ސްޓާފުންނަށް ބޮޑެތި ހަރަދުކުރަމުންދާއިރު، ރާއްޖެ އޮތީ މިކަމުގައި ފަހަތުގައި ކަމަށް އޭނާ ހާމަކުރި އެވެ.

މި ކަންކަން ހައްލުކުރުމަށް ސޮބާ ހާމަކުރިގޮތުގައި ޒުވާން ކުޅުންތެރިންނަށް ޓެކްނިކަލް ޑިވެލޮޕްމަންޓް ޕާތުވޭއެއް ގާއިމުކުރުމާއެކު ކުޅުންތެރިންގެ އަމިއްލަ ޓެކްނިކަލް، ޓެކްޓިކަލް، ފިޒިކަލް އަދި ނަފްސާނީ ތަރައްގީއަށް އިސްކަންދިނުމަކީ މުހިއްމު ކަމެކެވެ. ހަމައެހެންމެ ގާބިލު ފިޓްނަސް ކޯޗުންގެ ބެލުމުގެ ދަށުން ދުރުރާސްތާގެ ފިޒިކަލް ކޮންޑިޝަނިން ޕްރޮގްރާމްތަކެއް ހިންގުމާއި ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިންނަށް ކޮންމެ ތިން މަހަކުން އެއްފަހަރު ފިޓްނަސް ޓެސްޓުތައް ހެދުން މަޖުބޫރުކުރެވެން ޖެހެ އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އިތުރު މެޗުތަކާއި ވާދަވެރި ފުރުސަތުތަކެއް ހޯދައިދީ ސީނިއާ ގައުމީ ޓީމަށް ހަގީގަތާ އެކަށީގެންވާ ޕާފޯމަންސް ޕްލޭނެއް އެކުލަވާލުމަކީ ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

ކުޅުންތެރިންނަށް އެކަށީގެންވާ ވަސީލަތްތަކާއި، ރަނގަޅު ތަމްރީނާއި، އެއްބާރުލުންދޭ މާހައުލެއް ފުރަތަމަ ފޯރުކޮށްދީ، ހަމައެކަނި މެޗުތަކުގެ ނަތީޖާއަށް ކުޅުންތެރިން ޒިންމާދާރު ނުކުރެވޭނެ ކަމަށާއި، މި ކަންކަމަށް ވަގުތުން އިންވެސްޓްކުރަންޖެހޭ ކަމަށް ސޮބާ ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް