ފަރަގު ބޮޑު ނަތީޖާތަކެއް ނަމަވެސް، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ދެއްކި ހިތްވަރު
ލިޔުންތެރިޔާ
ކޮލިފައިންގައި އިރާގާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ އޭއެފްސީ
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ރާއްޖޭގެ ޒުވާން ޓީމު މުބާރާތް ނިންމާލައިފި އެވެ.
ތައިލެންޑްގެ ބުރިރާމްގައި ކުރިއަށްދިޔަ ގްރޫޕް ބީގެ މެޗުތަކުގައި ރާއްޖެ ކޮޅަށް ޖުމްލަ 26 ގޯލު ވަންއިރު، ރާއްޖެއަށް އެންމެ ގޯލެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޗައިނީޒް ޓައިޕޭ އަތުން 5-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި ހޮންކޮންގް، ޗައިނާ އަތުން ވަނީ 9-0 އިން ބަލިވެފަ އެވެ. އަދި މުބާރާތް ބާއްވާ ތައިލެންޑް އަތުން 7-0 އިން ބަލިވި އިރު، ފަހު މެޗުގައި އިރާގު އަތުން ބަލިވީ 5-0 އިންނެވެ.
މި މުބާރާތަކީ ހެޑް ކޯޗު އިބްރާހިމް ސައީދު (ކަކާ) ގައުމީ ޓީމަކަށް އިރުޝާދުދިން ފުރަތަމަ ފަހަރެވެ. ރާއްޖޭގައި 17 އަހަރުން ދަށުގެ ޑޮމެސްޓިކް ލީގެއް މިވަގުތު ނެތުމާއެކު، ޓީމު މުބާރާތަށް ތައްޔާރުވީ ލޯކަލް ކްލަބުތަކާއެކު ކުޅުނު ޕްރެކްޓިސް މެޗުތަކާއި، މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުންނެވެ.
މީގެ އިތުރުން، ސްކޮޑުގައި 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމަނާފައިވާއިރު، އިރުމަތީ އޭޝިއާގެ އެކަޑަމީތަކުގައި ތަމްރީނުވެފައިވާ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގައި ޖިސްމާނީ ގޮތުން ހުރި ފަރަގު މެޗުތަކުން ފެނިގެންދިޔަ އެވެ.
ޒުވާން ޓީމު ބޮޑެތި ނަތީޖާތަކަކުން ބަލިވި ނަމަވެސް، ތައިލެންޑާއި އިރާގާ ދެކޮޅަށް ކުޅުނު ފަހު ދެ މެޗުގައި ރާއްޖޭގެ ޑިފެންސިވް ކުޅުން ރަނގަޅުކޮށްފައިވެ އެވެ. ހާއްސަކޮށް ތައިލެންޑް މެޗުގައި ގޯލްކީޕަރު އަހުމަދު އަޝްހަމް އާތިފް ދެއްކި ކުޅުމާއި، އިރާގު މެޗުގައި ޑިފެންޑަރުން ދެއްކި ހިތްވަރު ފާހަގަކޮށްލެވެ އެވެ. ތައިލެންޑް މެޗުގައި ރާއްޖޭގެ އަބްދުﷲ މުޖާހިދު ބޯޅަ ހޯދައިގެން ކުރިއަށް އަރައި، ކީޕަރު ކައިރިން ނައްޓާފައި ލަނޑެއް ޖެހި ނަމަވެސް ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ހޮންކޮންގް މެޗެކޭ އެއްފަދައިން، އިރާގު މެޗުގައިވެސް ދެވަނަ ހާފު ފެށުނުތަނާ އެންމެ މިނެޓެއްގެ ތެރޭގައި ގޯލެއް ވަނުމަކީ ކޮންސެންޓްރޭޝަން ދަށްވުމުގެ ސަބަބުން ދިމާވި ކަމެކެވެ. ހަތަރު މެޗު ނިމުނުއިރު ރާއްޖެއަށް އެންމެ ގޯލެއްވެސް ކާމިޔާބު ނުކުރެވުނެވެ. މުޅި މެޗުގައި ޑިފެންސް ކުރަން ޖެހުމުގެ ސަބަބުން، ބޯޅަ ހިފަހައްޓައިގެން ކުރިއަށް އަރައި ހަމަލާ އުފައްދަން ލިބުނީ މަދު ފުރުސަތުތަކެކެވެ. އަދި 70 ވަރަކަށް މިނެޓަށްފަހު ޓީމުގެ ވަރުބަލިކަން ފެނިގެން ދިޔައިރު، އިރާގު މެޗުގެ ފަހު ދެ ގޯލު ވަން ގޮތުން ވެސް ފިޓްނަސްގެ ފަރަގު ބޮޑަށް ފެނުނެވެ. މިއީ ގަވާއިދުން ކުޅޭ 17 އަހަރުން ދަށުގެ ލީގެއް ނެތުމުގެ ސަބަބުން ދިމާވި މައްސަލައެކެވެ.
ރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) އިން އުމުރުފުރާތަކުގެ ލީގުތައް ގަވާއިދުން ނުބޭއްވުމާއި ބައިނަލްއަގުވާމީ މެޗުތައް މަދުވުމަކީ، ޒުވާން ޓީމުތަކަށް މިފަދަ މުބާރާތްތަކުގައި ވާދަކުރަން އުނދަގޫވާ މައިގަނޑު ސަބަބު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް