ސަބަބެއް ނެތި ކޮންމެ ކަމަކާ ދެކޮޅު ހަދާނަމަ، އިދިކޮޅު ފަރާތްތަކަށް ވެސް އިދިކޮޅުވާންޖެހޭ: ރައީސް
ލިޔުންތެރިޔާ
ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --
ސަރުކާރުން ކުރާ ކަންކަމާ ދެކޮޅު ހެދުމުގައި އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ސަބަބެއް ދެއްކެމުން ނުދާ ކަމަށާއި، ކޮންމެ ކަމަކާ ސަބަބެއް ނެތި ދެކޮޅު ހަދާނަމަ އެފަދަ އިދިކޮޅު ފަރާތްތަކާ ވެސް ރައްޔިތުން ދެކޮޅު ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އުސޫލަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ވެސް ފާޑުކިޔައި ދެކޮޅު ހެދުން ކަމަށެވެ.
އެގޮތުން އިޖުތިމާޢީ އަދި ޤައުމީ އަގުތައް ދިރުވުމަށް ސަރުކާރުން ފަށާފައިވާ އިޙްތިރާމް އަދާކުރުމުގެ މަޝްރޫޢަށް ވެސް އިދިކޮޅުން މަލާމާތްކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއިން ވެސް ދޭހަވަނީ އެފަދަ މުހިންމު މަޝްރޫޢުތަކުގެ ބޭނުންތެރިކަން ކަމަށެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިފަދަ ގޮތަކަށް ހުރިހާ ކަމަކާ ދެކޮޅު ހަދާ އިދިކޮޅު ފަރާތްތަކެއް ނޫޅޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ މެދު، ޚާއްޞަކޮށް ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ގަސްދުގައި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމަކީ އިދިކޮޅު ފަރާތްތަކުން ވަރަށް ފަރިތަކަމާއެކު ތަކުރާރުކޮށް ކުރަމުން އަންނަ ކަމެއް ކަމަށާއި، އެކަމުގައި އެއްވެސް އަސާސެއް ނެތްކަން މީޑިއާތަކާއި ޕްރެސް ކޮންފަރެންސްތަކުގައި ތަކުރާރުކޮށް ސާފުކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެކަން ޢަމަލީ ގޮތުން ސާބިތުކޮށްދީފައިވާނެ ކަމަށާއި، ޤައުމު ރަނގަޅު މަގުގައި ކުރިއަށް ގެންދެވޭނީ މިފަދަ ބޭކާރު ދެކޮޅުވެރިކަމަށް ރައްޔިތުން ވެސް ފުރުޞަތު ނުދީގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް