ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްސަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި
ލިޔުންތެރިޔާ
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދައުލަތަަށް ޚިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށް، އަދި ޚާއްސަ އިނާމު 57 ބޭފުޅަށް ދޭން ނިންމައިފި އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި އެވެ.
އެ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނަ އަދި ހަނދާނި ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮވީ ޤައުމީ އިނާމާ ބެހޭ ކޮމިޓީ އިންނެވެ.
މީގެ ކުރިން މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ 35 އަހަރަށް ވުރެ ދިގު މުއްދަތަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް ދެއްވާފައި އެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު 57 ބޭފުޅަަކަށް ލިބޭނެ އެވެ. އެއީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްފައިވާ 6 ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ ލެވެލް 8 ގެ ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލު ކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނަށާއި، ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލު ކުރި އެއް ފަރާތަކަށެވެ.
ޚާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް