Article Top
ޚަބަރު •

ސަރުކާރުގެ ފާޓިލިޓީ ސެންޓަރުން ދަރިމައިވުމުގެ އުފާ ޙާސިލުކުރި އެތައް އާއިލާއެއް އެބަ ތިބި: ރައީސް މުޢިއްޒު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސަރުކާރުގެ ފާޓިލިޓީ ސެންޓަރުން ދަރިމައިވުމުގެ އުފާ ޙާސިލުކުރި އެތައް އާއިލާއެއް އެބަ ތިބި: ރައީސް މުޢިއްޒު

ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ ---

ސަރުކާރުން އަލަށް ޤާއިމުކުރި ފާޓިލިޓީ ސެންޓަރު މެދުވެރިކޮށް ކާމިޔާބު ފަރުވާ ލިބި، ދަރިމައިވުމުގެ އުފާ ޙާޞިލުކުރި އެތައް ޢާއިލާއެއް މިހާރު އެބަތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ރައްޔިތުންނާއެކު މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ މުއްދަތުގައި ސިއްޙީ ދާއިރާއިން ޙާޞިލުކުރެވުނު މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ޙައްލެއް ނުލިބި އޮތް ދަރިމައިވުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާ މިހާރު އަމަލީ ގޮތުން ފެންނަމުންދާ ކަމަށެވެ. އަދި ސަރުކާރުން އަލަށް ތަޢާރަފުކުރި ފަރޓިލިޓީ ކެއާ އަދި އައިވީއެފް (IVF) ގެ ޚިދުމަތްތައް ފަހިވެގެން ދިއުމަކީ، މީގެ ކުރިން ބޮޑެތި ޚަރަދުތައް ކޮށްގެން ރާއްޖެއިން ބޭރަށް ދާންޖެހުނު އެތައް ދިވެހި ޢާއިލާތަކަކަށް ލިބުނު ބޮޑު ތަސައްލީއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ 3 އަހަރުގެ ދަތުރުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގައި ހޯދުނު ކާމިޔާބީތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ މިފަދަ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ދަޢުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވި މި ޖަލްސާ ނިންމަވާލައްވަމުން ރައީސް ވަނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް