ފުޓްސަލް އަދި ސުޕަ ކަޕް ކާމިޔާބީގެ އަގުވަޒަންކުރުން އެފްއޭއެމް އެވޯޑްސްގައި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ތަށި އުފުލާލަނީ -- ފޮޓޯ/ ސާފް
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ފަހުގެ ތާރީހެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ ފުޓްސަލް ޓީމުގެ އަގުވަޒަންކުރުމުގެ ހާއްސަ ހަރަކާތްތަކެއް، އެފްއޭއެމް އެވޯޑްސް 2026 ގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމް އިން މިއަދު ހާމަކުރި ގޮތުގައި، މި ފަހަރުގެ އެވޯޑްސް ނައިޓުގައި ހާއްސަ ޝަރަފާއި ސާބަސް އެރުވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށާއި، ސާފުގެ ފުރަތަމަ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ފުޓްސަލް ޓީމަށެވެ.
މި ހަފްލާގެ ތެރެއިން، ތާރީހީ ތަށިތައް ރާއްޖެއަށް ހޯދައިދިން ދެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި، ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެފްއޭއެމް ގެ ފަރާތުން ހާއްސަ ހަނދާނީ ޓޯކަންއެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ސައުތު އޭޝިއަން ސުޕަ ކަޕް ތަށި އުފުލާލަނީ -- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް އިން ބުނީ ދިވެހިރާއްޖެއަށް ރީތި ނަމާއި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ މި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގު ޝަރަފު އެރުވުމަކީ އެސޯސިއޭޝަނުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށާއި، މިއީ މުޅި ގައުމު ފަހުރުވެރިވާފަދަ ތާރީހީ ކާމިޔާބީއެއް ކަމަށާއި، މީގެ ބޭނުމަކީ ކުޅުންތެރިންގެ ހިތްވަރު އާކޮށް، މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކާ ހަމައަށް ދިއުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެފްއޭއެމް އިން ފާހަގަކުރި އެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ޝަރަފްވެރި އެވޯޑްސް ނައިޓް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް