Article Top
ޚަބަރު •

ރޮހިންޔާ މައްސަލައިގައި އައިސީޖޭއިން ނިންމި ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރޮހިންޔާ މައްސަލައިގައި އައިސީޖޭއިން ނިންމި ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މިޔަންމާއިން ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި ޖަރީމާތައް ހުއްޓުވުމާއި އަދަބު ދިނުމުގެ ބައިނަލްއަގުވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) އާ ގުޅޭ މައްސަލައިގައި ކޯޓުން ނިންމި ނިންމުމަކީ، އެ މުއާހަދާ ނެގެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ

މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނީ ޒިންމާތައް ކަށަވަރުކުރުމަށާއި، ސުލްހަވެރި އަދި ޝަރުއީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭގެ މުހިންމު ދައުރު މި ނިންމުމުން ހާމަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވި (އިންޓަވީންވި) އެއް ގައުމުގެ ހައިސިއްޔަތުން، ނަސްލުހޭދައިގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަލުން ދެއްވާފައެވެ.

މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ނަސްލުހޭދަ ހުއްޓުވުމަށާއި، އިންސާފު ގާއިމުކުރުމަށާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ވަރުގަދަކޮށް އެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް