ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކުރާ ދުވަސް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.
ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކުރާ ދުވަސް ކަމަށް، ރައީސް ޑޮކްޓަރު މުޙައްްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު އެހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ޖުމްހޫރަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތިން ހޮވާފައިވާ ވެރިޔަކު ހިންގާ ވެރިކަން ކަމަށެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ އެއީ ޑިމޮކްރަޓިކް ވެރިކަން ކަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ނިންމުން ފާހަގަ ކުރާ ދުވަސް ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ދިވެހިންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހިންގެ ބަސް އިއްވި ދުވަސް ކަމަށެވެ. ދިވެހީންގެ އެ ދުވަހާއި، މި ދުވަހާ އަދި މާދަމަޔާ މެދު ވިސްނާ ފިކުރު ކުރަން އޮތް ދުވަސް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ ބޭއްވެނީ، އެ މާނައިގައި ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ހަމައެހެންމެ ރައީސް މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުން، ދިވެހި ޤައުމާ މެދު ވިސްނުމުގެ ވެސް ދުވަސް ކަމަށެވެ. އަދި އެ ދުވަހަކީ ޤައުމުގެ މުސްތަޤުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސް ކަމަށާއި، އެކަމަށް ފަށައި ގަތުމުގައި އެންމެ ބޮޑު އުފަލެއް ކަމަށް ދެކެނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންްނަށް އަރިސް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވާހަކަފުޅުގައި ވަނީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ހޯއްދެވި ބޭފުޅުންނާއި، އިތުރު އިނާމުތައް ހޯއްދެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައި އެވެ. ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް