އިދިކޮޅުން ޖެހިލުން ވަނީ ރަސްމާލެ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، ރައީސް މުޢިއްޒު ދެވަނަ ދައުރެއް ޔަޤީންކޮށްފާނެތީ: މަޚްލޫފް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަފީރު އަޙުމަދު މަޚްލޫފް.
އިދިކޮޅު ފަރާތްތަކުން ޖެހިލުންވަނީ ރަސްމާލެ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެވަނަ ދައުރެއް ޔަޤީންކޮށްފާނެތީ ކަމަށް ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ދެވެން އޮތް ސަޕޯޓެއް ދީގެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށެވެ.
ސިޔާސީ ބޭފުޅުން އެންމެ ބޮޑަށް ބިރު ގަންނަ ސަބަބަކީ، ރަސްމާލެ މަޝްރޫއު ހިންގަން އުޅޭ ކުންފުންޏަކީ އެކަން ކުރެވޭ ފެންވަރުގެ ޤާބިލުކަން ހުރި ކުންފުންޏެއްކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އޭގެ ސަބަބުން ހުރިހާ ރަނގަޅެއް ލިބިގެންދާނީ އަދުގެ ސަރުކާރަށް، އަދި ރައީސް މުޢިއްޒު އަށްކަން ސިޔާސީ މީހާއަށް އަދި ލީޑަރުންނަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަންވީ އައްޑޫ ސިޓީގައި ކަމަށް، އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވައި މަޚްލޫފް ވިދާޅުވީ، މަޝްރޫއުއާ މެދު ރައީސް ނަޝީދުގެ ވެސް މައްސަލައެއް ނެތްކަން އިނގޭ ކަމަށެވެ. އެކަމުގައި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވުން އޮތީ ރަސްމާލޭގައި މަޝްރޫއު ހިންގާތީ ކަމަށާއި، އައްޑޫގައި ހިންގާ ނަމަ ރައީސް ނަޝީދު އަށް އެކަން ކަމުދާ ކަމަށެވެ.
ރަސްމާލެ މަޝްރޫއަކީ މުސްލިމު ޤައުމެއްގެ މުސްލިމު މީހަކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި، ނަމަވެސް އެކަން ވެސް ޔަހޫދީންނާ އަޅުވާ ކަމަށް މަޚްލޫފް ވިދާޅުވި އެވެ. މި ސަރުކާރާ ދިމާލަށް ޔަހޫދީންނާ އަޅުވާ ވާހަކަ ދައްކަން ކެރޭ އެއްވެސް ދިވެއްސަކު ހުރެގެން ނުވާނެ ކަމަށާއި، އެއަށް ވުރެ ކެރިގެން އިސްރާއީލް މައްސަލައިގައި ވެސް ފިޔަވަޅު އަޅާފައިވާ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މަޚްލޫފް ވަނީ ސަރުކާރުން ދުބާއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއަކީ ދިވެހިންނަށް އެތައް ގޮތަކުން ފައިދާވާނެ މަޝްރޫއެއް ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ވެސް ޕޯސްޓު ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް