ދިވެހިންނަކީ ޤައުމަށް އެންމެ ފައިދާހުރި މަގު އިޚްތިޔާރު ކުރުމުގައި ލާމަސީލު ބައެއް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ލިބިދޭނެ އެންމެހައި މަގުތައް ހޯދައި، އެ މަގުތަކުން ކުރިއަށްދިއުމުގައި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ލާމަސީލު ނަމޫނާއެއް ދައްކަމުން އަންނަ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދާދި ފަހަކާ ޖެހެންދެން ދިވެހިރާއްޖެއަކީ އެއްލައްކަ މީހުން ހަމަނުވާ ކުޑަ އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިޔަސް، އެތައް ހާސް އަހަރަކަށް މި ޤައުމުގެ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓިފައި އޮތުމަކީ މާތް ﷲ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ މިނިވަން ބިމެއް ނެތި އެތައް ބަޔަކު އަނިޔާއާއި ވޭން ތަޙައްމަލުކުރަމުންދާއިރު، ދިވެހިންގެ ޙާލަތު އެއާ މުޅިން ތަފާތުކަން ފާހަގަކުރައްވައި، ޤައުމުގެ ދިފާޢުގައި ފިކުރާއި ޢަމަލު ސީދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްދީން ދުނިޔެއަށް ފެތުރިގެން އައި ކުރީކޮޅުގައި ދިވެހިން އެ ދީން އިޚްތިޔާރުކޮށް، ދީނުގެ މަތީގައި ސާބިތުވެ ތިބިކަން ހަނދާން އާކުރެއްވިއެވެ. އަދި މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވިގެންވާ ފުރިހަމަ ޤާނޫނުއަސާސީއެއް އެކުލަވާލައި ބަލައިގަތީވެސް ދިވެހިންކަން ފާހަގަކުރައްވައި، ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އަދި އެއަށްފަހު ޖުމްހޫރީ ވެރިކަމަކާއި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހި ވެރިކަމުގެ ނިޒާމު ފުރޮޅިގެން އައި ތާރީޚީ މަރުޙަލާތަކަށް އަލިއަޅުއްވާލެއްވިއެވެ.
ދިވެހި ތާރީޚުގައި ޤައުމަށް ގެންނަން އުޅުނު މުހިންމު އިޞްލާޙީ ބަދަލުތަކަށް ބައެއް ފަރާތްތަކުން ހުރަސްއަޅަން މަސައްކަތްކުރިކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައި އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ މިސާލު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އޭރުގެ ބައެއް މީހުން އެކަމާ ދެކޮޅަށް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން ޤާނޫނީ ބާރުވެރިކަމާއެކު މުޙައްމަދު އަމީން ނިންމެވި ހަރުދަނާ ނިންމެވުމަކީ މިއަދު ދިވެހީންގެ މުސްތަޤްބަލު އުޖާލާކޮށްދިން ސަބަބެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަށާއި، ޒަމާނުއްސުރެ ހުރި ގޮންޖެހުންތައް ޙައްލުކުރުމުގައި ކޮންމެ ފަރުދަކުވެސް ތިމާއަށް އަދާކުރެވޭނެ ދައުރަކާމެދު ވިސްނައި، ޤައުމީ ރޫޙުގައި ކުރިއަށްދިޔުމަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް