Article Top
ޚަބަރު •

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ހާއްސަ އިނާމު 57 ބޭފުޅަކަށް އަރުވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ހާއްސަ އިނާމު 57 ބޭފުޅަކަށް އަރުވައިފި

ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން --

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 56 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަދި މަތީ ދަރަޖަ ހޯދި 57 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އަރުވައިފިއެވެ.

މި އިނާމުތައް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 56 ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި، އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

މި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރަފުގެ ބެޖާއި، އައްޑަނަ އަދި ހަނދާނީ ލިޔުން ޙަވާލުކުރައްވާފައެވެ. މި އިނާމަކީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ނުވަތަ ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ މަތިވެރި ޝަރަފެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު 57 ފަރާތަކަށް ވަނީ ލިބިވަޑައިގެންފައެވެ. އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔާއި ހަނދާނީ ލިޔުމެވެ. މި އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލް ކަމުގައިވާ ލެވެލް 10 (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯއްދެވި 6 ބޭފުޅުން.

  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ކޯހަކުން އެންމެ މަތީ ވަނަ ނުވަތަ އެންމެ މަތީ ދަރަޖަ ހޯއްދެވި 50 ބޭފުޅުން.

  • ބައިނަލްއަޤުވާމީ މައުރަޒަކުން، މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި 1 ފަރާތް.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވައި، އަދި ތަޢުލީމީ ގޮތުންނާއި އެކި ދާއިރާތަކުން މަތީ ކާމިޔާބީތައް ހޯއްދެވި ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް