Article Top
ލައިފްސްޓައިލް •

ހިތްތަކާ ކުޅެލާނެ ރާގެއް: "ކީއްވެ" ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ އާންމުންނަށް ދޫކޮށްލައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހިތްތަކާ ކުޅެލާނެ ރާގެއް: "ކީއްވެ" ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ އާންމުންނަށް ދޫކޮށްލައިފި

އަންނަ ހަފުތާގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ތައްޔާރުވަމުން އަންނަ އދިވެހި ފިލްމު "ކީއްވެ" ގެ ރަސްމީ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ އާންމުކޮށްފިއެވެ.

މި ވީޑިއޯ ލަވަ މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

މި ޕްރޮމޯޝަނަލް ލަވައިގެ މެލޮޑީ އަދި ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. މަރިޔަމް އަޝްފާ އަދި މުހައްމަދު މައިސާން (ބޮކިޓޯޒް) ގެ އަޑުން ގެނެސްދީފައިވާ މި ލަވައިގެ މިއުޒިކް، ރެކޯޑިން އަދި މާސްޓަރިން ހަދާފައިވަނީ ހުސައިން ތައުފީގެވެ.

މި ވީޑިއޯ ލަވަ ޑައިރެކްޓްކޮށްފައިވަނީ ރަވީ ފާރޫގެވެ. އަދި މޭކަޕް ކޮށްފައިވަނީ ރިޝްފާ އަބްދުއްސަމަދެވެ.

މި ޕްރޮމޯ ލަވަ ވީޑިއޯއާއެކު އާންމުކޮށްފައިވާއިރު، ފިލްމުގެ މައިގަނޑު ފަސް ލަވަ ހިމެނޭ އޯޑިއޯ އަލްބަމްވެސް މިހާރު ވަނީ ސްޕޮޓިފައި، އެޕަލް މިއުޒިކް އަދި ސައުންޑްކްލައުޑް ފަދަ ޕްލެޓްފޯމްތަކަށް ރިލީޒްކޮށްފައެވެ. އޭގެ ތެރޭގައި ޕްރޮމޯ ލަވައިގެ އިތުރުން ތީމް ލަވަ "ކީވޭ ހޭ"، "ފިދާ"، "ލޮލުން ތިޔަ ބަލާ" އަދި "ގުޅުމޭ އާއިލީ" ހިމެނެއެވެ.

ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމަކީ އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކުގެ މައްޗަށް ބިނާކޮށް، ދިރިއުޅުމުގެ މެދު އުމުރުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ 20 އަހަރަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ޑައިރެކްޝަނަށް އެނބުރި އައި ފިލްމުވެސް މެއެވެ.

މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ 25 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ސިނަމާގެ ތަޖުރިބާކާރު އެކްޓަރު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެނިގެންދިއުމެވެ. މޫސަގެ އިތުރުން ޝީލާ ނަޖީބް، މަރިޔަމް ނިޝާ، އަހުމަދު ޝަމީލް އަދި އިބްރާހިމް ރަޝީދު (ދަރާ ރަޝީދު) ފަދަ މަޝްހޫރު ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

"ކީއްވެ؟" ރަސްމީކޮށް އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރު 2026 ގައެވެ. ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުންނާއި ސެޓާން ސްޓޫޑިއޯގެ ބުކިންގ ވެބްސައިޓް މެދުވެރިކޮށް މިހާރު އަންނަނީ ވިއްކަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް