ޕޮލެންޑާ އެކު ދިރާގު ޖޫނިއާ އޯޕަންގައި ނުވަ ގައުމެއް ބައިވެރިވެއްޖެ
ލިޔުންތެރިޔާ
މިދިޔަ އަހަރުގެ މުބާރާތުގެތެރެއިން -- ފޮޓޯ/ ސިޑިބަރި
އަންނަ މަހު މާލޭގައި ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ޕޮލެންޑުން ބައިވެރިވުމާއެކު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އަދަދު ނުވައަކަށް އަރައިފި އެވެ.
މުބާރާތް އިންތިޒާމުކުރާ "ދަ ބެޑްމިންޓަން ކްލަބް" އިން މިއަދު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މިހާތަނަށް ނުވަ ގައުމެއްގެ ކުޅުންތެރިންނާއި ކްލަބްތަކުގެ އިތުރުން އެކަޑަމީތަކުން ވަނީ މުބާރާތުގައި ވާދަކުރުމަށް އެންޓްރީ ހުށަހަޅައިފަ އެވެ.
މިއީ މިދިޔަ އަހަރު ހަތް ގައުމަކާއެކު ބޭއްވި ފުރަތަމަ މުބާރާތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިފަހަރުގެ މުބާރާތުން ފެންނާނެ ގައުމުތަކަކީ، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ގަތަރު، ބަހްރޭން، ނޭޕާލް، ބަންގްލަދޭޝް، ޕޮލެންޑް އަދި އަރްމީނިއާ އެވެ.
ޑިސެމްބަރު 13 އިން 19 އަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުދަ ދުވަހު އެވެ. މުބާރާތުގައި ނަން ނޯޓުކުރަން ބާކީ އޮތީ އެންމެ ފަސް ދުވަހެވެ.
ކުޅިވަރާ ބެހޭ ވުޒާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ އެއްބާރުލުމާއެކު ދިރާގުން ޓައިޓަލް ސްޕޮންސާ ކުރާ މި މުބާރާތަކީ، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ތަޖުރިބާ ހޯދަން ލިބޭ ރަނުގެ ފުރުސަތެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުގެ އަމާޒަކީ މިއީ ދުނިޔޭގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ފާހަގަކޮށްލެވޭ، ކޮންމެ އަހަރަކުވެސް ބާއްވާ ދާއިމީ މުބާރާތަކަށް ހެދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް