Article Top
ކުޅިވަރު •

އިންފަންޓީނޯއާ ދެކޮޅަށް ދެ ކެންޑިޑޭޓުން، އޭޝިއާ އާއި އަރަބި ގައުމުތައް އިންފަންޓީނޯ ފަހަތުގައި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

އިންފަންޓީނޯއާ ދެކޮޅަށް ދެ ކެންޑިޑޭޓުން، އޭޝިއާ އާއި އަރަބި ގައުމުތައް އިންފަންޓީނޯ ފަހަތުގައި

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ (ވ)، އަދި ފީފާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޯޒޯ ތަޝީމާ (މ) އާއި ފިލިޕް ޑިއާލޯ (ކ) -- ފޮޓޯ/ އޭޕީ

ފީފާގެ ރައީސްކަމާ 2016 ވަނަ އަހަރު ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރައްވަން ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 2027 ވަނަ އަހަރުގެ މާޗް 18 ގައި މޮރޮކޯގެ ރަބާތުގައި ބާއްވާ 77 ވަނަ ފީފާ ކޮންގްރެސްގައި އޮންނަ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރައްވާނީ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ އާއި ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ އޮނަރަރީ ރައީސް ކޯޒޯ ތަޝީމާ އެވެ.

އިންފަންޓީނޯ ވަނީ 2019 އަދި 2023 ވަނަ އަހަރުގެ އިންތިހާބުތައް އެއްވެސް ވާދަވެރިއަކާ ނުލައި ކާމިޔާބު ކުރައްވައިފަ އެވެ. އިންފަންޓީނޯއަށް، 2031 ވަނަ އަހަރާ ހަމައަށް ހަތަރުވަނަ ދައުރެއް ހޯދުމަށް މިފަހަރު ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ހާއްސަކޮށް، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ވިޔަފާރި ހައްގުތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްސީ) ޕްލޭނާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ ބޮޑު ނުރުހުމެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ޔޫރަޕުން އިންފަންޓީނޯއާ ދެކޮޅަށް ނުކުތް ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ މުހިންމު ސަރަހައްދީ ބްލޮކްތަކުގެ ވަރުގަދަ ތާއީދު އަދިވެސް އޮތީ އޭނާއާއެކުގަ އެވެ.

މި އިންތިހާބުގެ ކެންޑިޑޭޓުންގެ ލިސްޓު ފީފާއިން އިއުލާންކުރިއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އާއި ސްވިޒަލެންޑްގެ ކުރީގެ ޑިފެންޑަރު ރަމޮން ވެގާ މި ރޭހުގައި ނެތުމެވެ. މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމު ފުރުއްވަމުން ގެންދަވާ ވެންގާއަކީ، އިންފަންޓީނޯއާ ދެކޮޅަށް ނެރުމަށް ޔޫރަޕްގެ ގައުމުތަކުން (ޔޫއެފާއިން) އެންމެ ބޮޑަށް ބޭނުންވި ނަމެވެ. ނަމަވެސް، އިންތިހާބުގައި ވާދަ ނުކުރައްވަން އޭނާ ވަނީ ނިންމަވާފައެވެ. ޓޮޓެންހަމް ހޮޓްސްޕާ އަދި ސްވިޒަލެންޑްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ވެގާ ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އާންމުކޮށް އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް، ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، ޝަރުތު ހަމަވުމަށް ބޭނުންވާ ފީފާގެ މެންބަރު ފަސް ގައުމެއްގެ ތާއީދު ސިޓީ ހޯއްދެވިފައި ނުވާތީ، ފީފާގެ ރަސްމީ ލިސްޓުން އޭނާއަށް ފުރުސަތު ނުލިބުނެވެ.

ސަރަހައްދީ އިއްތިހާދުތަކުގެ ތާއީދު އޮތް ގޮތް

  • އަރަބި ފުޓްބޯޅަ އިއްތިހާދު (ޔޫއާފާ): އޭޝިއާ އާއި އެފްރިކާގެ 22 ގައުމެއް ތަމްސީލުކުރާ ޔޫނިއަން އޮފް އަރަބް ފުޓްބޯލް އެސޯސިއޭޝަންސް (ޔޫއާފާ) އިން ވަނީ އިންފަންޓީނޯއަށް އިތުރު ދައުރެއް ދިނުމަށް ރަސްމީކޮށް ތާއީދުކުރާކަން އިއުލާންކޮށްފަ އެވެ. ދުނިޔޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް އިންފަންޓީނޯ ކުރައްވާ މަސައްކަތްތަކަށް އެ އިއްތިހާދުން ވަނީ ތައުރީފުކޮށްފަ އެވެ.

  • އޭޝިއާ (އޭއެފްސީ) އަދި ދެކުނު އޭޝިއާ: ދެކުނު އޭޝިއާގެ ގައުމުތައް (ސާފް) ހިމެނޭ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވަނީ، 2026 އޮކްޓޯބަރުގައި ޓޯކިޔޯގައި ބޭއްވި އޭއެފްސީގެ ހާއްސަ ކޮންގްރެސްގައި އިންފަންޓީނޯއަށް އޭޝިއާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ އިންފަންޓީނޯއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ. އެހެންނަމަވެސް، އޭއެފްސީގެ ލީޑަޝިޕްގެ ނިންމުމާ ހިލާފަށް ޖަޕާނުގެ ތަޝީމާ އިންތިހާބަށް ނުކުމެވަޑައިގަތުމުން، އިރުމަތީ އޭޝިއާގެ ބައެއް ވޯޓުތައް ބެހިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

  • ދިވެހިރާއްޖެ: މި އިންތިހާބުގައި ވޯޓު ދޭނެ ވަކި ކެންޑިޑޭޓަކާ ގުޅޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަދި ސާފް އިން ވެސް ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެ އެވެ. އެހެންނަމަވެސް، ރާއްޖެ ހިމެނެނީ އިންފަންޓީނޯއަށް ތާއީދުކުރާ އޭއެފްސީގެ ބްލޮކްގެ ތެރޭގައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވައި، ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގެންފައިވާއިރު، އިންފަންޓީނޯ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ.

  • ޔޫރަޕް (ޔޫއެފާ): އިންފަންޓީނޯއާ ދެކޮޅު ހަރަކާތްތައް އެންމެ ބޮޑަށް ފެންނަނީ ޔޫރަޕުންނެވެ. ފީފާ ހިންގުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށާއި، މެންބަރު ގައުމުތަކުގެ މަޝްވަރާއާ ނުލައި ވިޔަފާރީގެ ބޮޑެތި ނިންމުންތައް ނިންމުން ހުއްޓުވުމަށް ގޮވާލައި، ޔޫއެފާގެ މެންބަރު ގައުމުތަކުގެ ތާއީދު ވަނީ ފްރާންސްގެ ފިލިޕް ޑިއާލޯއަށް ދީފަ އެވެ.

ކުރިމަތިލެއްވި ތިން ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް ފީފާގެ އިލެކްޓޯރަލް ކޮމިޓީން މިހާރު ވަނީ ފަށައިފަ އެވެ. ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، އިންތިހާބުގެ އެއް މަސް ކުރިން، 2027 ފެބްރުއަރީ 18 ގެ ކުރިން ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް އަންގާނެ އެވެ. ތިން ކެންޑިޑޭޓުން ވާދަކުރައްވާތީ، ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނީ ވޯޓުލާ މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު ހޯއްދަވާ ބޭފުޅަކަށެވެ. އެ އަދަދަށް އެއްވެސް ބޭފުޅަކަށް ވޯޓު ލިބިވަޑައިނުގެންފިނަމަ، އެންމެ މަދުން ވޯޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކު ބާކީވުމަށްފަހު، ދެވަނަ ބުރުގައި އާދައިގެ އަގުލަބިއްޔަތަކުން ރައީސަކު ހޮވާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް