15 ވަނަ އިންޓަޕާ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ތިން އޮފިޝަލުން ބައިވެރިވެއްޖެ
ލިޔުންތެރިޔާ
އިންޓަޕާގެ 15 ވަނަ ކޮންފަރެންސްގައި ބައިވެރިވި ދިވެހި ތިން ފުލުހުން.
ގަތަރުގެ ވެރިރަށް ދޯހާގައި 2026 ނޮވެމްބަރު 16 އިން 18 އަށް ކުރިއަށް ދިޔަ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިޝަލުން ބައިވެރިވެއްޖެ އެވެ.
މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނިވަޑައި ގަންނަވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޢަބްދުއް ރަޙްމާން އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސާވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތު އެވެ.
ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީ އިން އިންތިޒާމު ކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވި އެވެ. މިއީ ފުލުހުންގެ ތައުލީމާއި، ތަމްރީނުގެ ދާއިރާ އިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ކޮންފެރެންސް އެކެވެ.
މި ކޮންފަރެންސްގައި މަޝްވަރާ ކުރެވުނީ ފުލުހުންގެ ތައުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީ ކުރުމަށާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ގާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި، 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ވެސް ކުރިއަށްދިޔަ އެވެ. މި ބައްދަލުވުންތަކުގައި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރު ކުރުމުގެ އިތުރުން ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް