އަދާލަތު ޕާޓީގެ ނިންމުންތައް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން: ޑރ. އިޔާޒް
ލިޔުންތެރިޔާ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް.
އަދާލަތު ޕާޓީގެ ނިންމުންތައް ނިންމަނީ، މަޝްވަރާގެ ރިވެތި އުސޫލުން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހާއި، އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު އިޔާޒް ޢަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ޑޮކްޓަރު އިޔާޒް ވިދާޅުވީ، އަދާލަތު ޕާޓީގެ އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަަމަށް ވެސް އިޔާޒް ފާހަގަ ކުރެއްވި އެވެ.
އެހެން ނަަމަވެސް، އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙުތިރާމް ކުރަން ވާނެ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައި އެވެ. މީގެ އިތުރުން، ދީނާއި ޤައުމުގެ ޙައްޤުގައި ބަސް ބުނެ އަމަލު ކުރަން ޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއް ނެތި އަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވާ ކަމަށް އިޔާޒް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އުސޫލު މަތީގައި ދެމި ތިބުމުގެ ހެޔޮ ތައުފީގު މާތް ﷲ މިންވަރު ކުރެއްވުން އެދި އިޔާޒް ވަނީ ދުއާ ދަންނަވައިފަ އެވެ.
ޑޮކްޓަރު އިޔާޒް މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ، ސަރުކާރު ހިންގާ ޕީއެންސީ އާއެކު ކޯލިޝަން ހަދައި، ސަރުކާރުގެ ބާކީ އޮތް ދެ އަހަރު އެ ޕާޓީ އާއެކު މަސައްކަތްކޮށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް އެ ޕާޓީ އިން މަސައްކަތް ކުރުމަށް ނިންމާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް