Article Top
ލައިފްސްޓައިލް •

52 ގަޑިއިރު ނުނިދާ ހުރެ އައިޝޯސްޕީޑް ޖީޓީއޭ 6 ނިންމާލައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

52 ގަޑިއިރު ނުނިދާ ހުރެ އައިޝޯސްޕީޑް ޖީޓީއޭ 6 ނިންމާލައިފި

ރޮކްސްޓާ ގޭމްސްގެ އާ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ނެރުމާއެކު ލައިވްސްޓްރީމް ކުރަން ފެށި މަޝްހޫރު ޔޫޓިއުބަރު އައިޝޯސްޕީޑް (ޑެރެން ވަޓްކިންސް ޖޫނިއާ)، ނުނިދާ ހުރެ 52 ގަޑިއިރާއި 30 މިނެޓުގެ ދިގު މެރެތަންއަކަށްފަހު އެ ގޭމްގެ ސްޓޯރީ މޯޑް އެއްކޮށް ނިންމާލައިފި އެވެ.

އާންމު ގޭމަރުން މި ގޭމް ނިންމާލުމަށް ހަފްތާތަކެއް ހޭދަކުރާނެ ކަމަށް ބެލެވޭއިރު، އެމެރިކާގައި ގޭމް ނެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ލައިވްއަށް އެރި ގޮތަށް ސްޕީޑް ވަނީ އެންމެ ދެ ދުވަހުގެ ތެރޭގައި ގޭމްގެ ނިމުމާ ހަމައަށް ވާސިލުވެފަ އެވެ. މީގެ ކުރިން 40 ގަޑިއިރު ތެރޭގައި ގޭމްގެ 80 އިންސައްތައަށްވުރެ ބޮޑު ބައި ނިންމާލައި ޗެނަލްގެ ވިއުއާޝިޕް ރެކޯޑް މުގުރާލުމަށްފަހު ވެސް، އޭނާ ވަނީ ހުއްޓާނުލައި ކުރިއަށް ގެންގޮސްފަ އެވެ.

ގިނަ ވަގުތު ނުނިދާ ހުރުމުގެ ސަބަބުން ސްޕީޑް ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިކަން ސްޓްރީމުން ފާހަގަވި އިރު، މުޅި މެރެތަންގައި އެއްގޮތަކަށްވެސް ނުނިދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް، 52 ގަޑިއިރުގެ ބުރަ މަސައްކަތަށްފަހު ގޭމް ނިންމާލެވުމުން ބޮޑު އުފާފާޅުކުރުމެއްގެ ބަދަލުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ގޭމްގެ ވާހަކަ ނިމުނު ގޮތާމެދު ވަރަށް ބޮޑަށް މާޔޫސްވެ، ސްޕީޑަށް ވަނީ ލައިވްސްޓްރީމްގައި ރޮވިފަ އެވެ.

ގޭމްގެ އެންމެ ފަހު މަރުހަލާގެ އެހެން ނިންމުމެއް (އެންޑިންގްއެއް) ބަލާލުމަށްޓަކައި އަލުން އެ ހިސާބުން ފަށަން އުޅުމުގެ ތެރޭގައި ސްޕީޑަށް ވަނީ ބޮޑު ގޯހެއް ހެދިފަ އެވެ. ގިނައިރުނުނިދާ ހުރުމުގެ ސަބަބުން ސިކުނޑި ވަރުބަލިވެފައި ހުރެ، އޭނާގެ 98 އިންސައްތަ ނިމިފައިވާ ސޭވް ފައިލް ލޯޑް ކުރުމުގެ ބަދަލުގައި އޮޅިގެން އޭގެ މައްޗަށް އާ ފައިލެއް ސޭވްކޮށް އޯވަރައިޓް ކޮށްލެވުނީ އެވެ. މިއާއެކު އެންމެ ފަހުން ކުޅުނު 12 ގަޑިއިރަށްވުރެ ގިނަ އިރުގެ ޕްރޮގްރެސް ވަނީ އެއްކޮށް ގެއްލިފަ އެވެ.

މި ހާދިސާއާއެކު ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނު ނަމަވެސް، ސްޕީޑް ވަނީ އޭނާގެ ސޭވް ލިސްޓުގައި ކުރިން ހުރި 57 އިންސައްތަ ނިމިފައިވާ ބެކަޕް ފައިލް ލޯޑްކޮށްގެން އަލުން ކުޅެން ފަށައިފަ އެވެ. އަދި ގެއްލުނު މިޝަންތައް އަލުން ފުރިހަމަކޮށް، އޭނާ ބަލަން ބޭނުންވި އެހެން ނިންމުންވެސް ބަލައި، އެންމެ ފަހުން ގޭމް 100 އިންސައްތަ އަށް ނިންމާލުމަށްފަހު މެރެތަން ސްޓްރީމް ނިންމާލާފަ އެވެ.

ނިއުޒީލެންޑަށް ގޭމް ކުރިން ނުކުތުމުގެ ފައިދާ ނަގައިގެން، ސްޓްރީމަރު "ބްރައިސްއެކްސްޑީ" ވަނީ 40 ގަޑިއިރުގެ ތެރޭގައި ސްޕީޑަށްވުރެ ކުރިން މި ގޭމް ނިންމާލައިފަ އެވެ. އެހެންނަމަވެސް، ދެ ދުވަހަށްވުރެ ގިނައިރު ނުނިދާ ހުރެ ސްޕީޑް ކުރިއަށް ގެންދިޔަ މި ތަފާތު އަދި ހަލަބޮލި ލައިވްސްޓްރީމް ވެފައިވަނީ "ޖީޓީއޭ 6" ނެރުނު ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގޭމަރުންނާއި ދިވެހި ޒުވާނުންގެ މެދުގައިވެސް އެންމެ ފޯރި ގަދަވި ސްޓްރީމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް