Article Top
ޚަބަރު •

އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެހެން، ލޯނު ދޫކުރާ އުމުރު މަތިކުރަން ރައީސް އެދިވަޑައިގެންފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެހެން، ލޯނު ދޫކުރާ އުމުރު މަތިކުރަން ރައީސް އެދިވަޑައިގެންފި

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ރައްޔިތުންނާ ބައްދަލުކުރައްވަނީ ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރުމުގައި މިހާރު ކަނޑައަޅާފައިވާ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އުމުރުން ދުވަސްވުމުގެ ސަބަބުން ލޯނު ނުލިބިގެން އާންމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހަކު ބުނީ އަމިއްލަ ގެ އަޅަންވެގެން ބެލިއިރު، ލޯނު ދޫކުރާ އުމުރު ކަމަށްވާ 60 އަހަރަށްވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވި ކަމަށެވެ. އަދި ގެދޮރު އެޅުމަށްފަހު އެ ތަން މޯގޭޖްކުރެވޭނެ އިންތިޒާމު އޮންނައިރު، އުމުރުން ދުވަސްވީ މީހުންނަށް ވެސް ލޯނު ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އޭނާ އެދިފައިވެއެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އެވްރެޖް އުމުރު މިހާރު 80 އަހަރާ ގާތްކުރާ ކަމަށާއި، ކުރީގެ މިންގަނޑެއް ކަމަށްވާ 60 އަހަރަކީ މިހާރު ލޯނު ދޫކުރުމުގައި އެންމެ އެކަށީގެންވާ އުމުރު ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެވެސް މައްޗަށް ބަދަލުކުރުމަށް ކަމާބެހޭ ވުޒާރާ މެދުވެރިކޮށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތު މީހާ ވަނީ މަގުމަތީގެ ކަންމަތިތަކުގަ އާއި ހަނި ގޯޅިތަކުގެ ކުރިމަތީގައި ސައިކަލުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ޝަކުވާވެސް ހިއްސާކޮށްފައެވެ.

އެ ޝަކުވާއާ ގުޅިގެން ރައީސް ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ހާއްސަ އޮފީހެއް އުފައްދައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މައްސަލައަށް ސަރުކާރުން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް