ޕީއެސްއައިޕީ މަޝްރޫއުތަކަށް 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
ލިޔުންތެރިޔާ
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ތަކަށް 5.3 ބިލިއަން ރުފިޔާ ޚަަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހިނގާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ އަށް ވަނީ 5.3 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި އެވެ. މިއަހަރު ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޚަރަދު ކުރުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއައިޕީގެ މަޝްރޫއު ތަކުގެ ތެރެއިން އެންމެ ގިނައިން ޚަރަދު ކޮށްފައި ވަނީ އިޤްތިޞާދީ ދާއިރާ އިންނެވެ. އިޤްތިޞާދީ ދާއިރާ އަށް ވަނީ 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ. މީގެ އިތުރުން ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާ އިން 780 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ބޯހިޔާވަހިކަމުގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ވަނީ 717 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގަމުން އަންނަ ތަރައްޤީގެ މަޝްރޫއުތަކެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ޞިއްޙީ ދާއިރާގެ މަޝްރޫއުތަކާއި، ލަފާފުރުމުގެ އިތުރުން ބިން ހިއްކުން ފަދަ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް