Article Top
ޚަބަރު •

ދަރަނީގެ ބޮޑު ބައެއް އަދާކުރުމުން، އަންނަ އަހަރު ނަތީޖާ ފެންނާނެ: ފިނޭންސް މިނިސްޓަރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދަރަނީގެ ބޮޑު ބައެއް އަދާކުރުމުން، އަންނަ އަހަރު ނަތީޖާ ފެންނާނެ: ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު.

ރާއްޖެ އިން ދައްކަން ޖެހޭ ދަރަނީގެ ތެރެއިން ބޮޑު އަދަދެއް މިއަހަރުގެ ތެރޭގައި ދައްކާފައިވުމުން، ކުރިއަށް އޮތް 2027 ވަަނަ އަހަރު ނަތީޖާ ފެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދައުލަތުގެ މީޑިއާ އިން ގެެނެސްދިން ހަފުތާ 156 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ސަރުކާރުން އަމާޒު ކަނޑަ އަޅާފައި ވަނީ މަޝްރޫއު ތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫއުގެ މަސައްކަތް ނިންމުމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އެންމެ ބޮޑު އަމާޒެއް މަޝްރޫއުތައް ނިންމަން އޮތްއިރު، އެކަން ކުރިއަށް ދާ ގޮތް ބެލޭނެ ނިޒާމު ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން މިނިސްޓްރީ ތަކުގައި ވެސް ޤާއިމު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުން މިއަހަރުގެ ތެރޭގައި ދަރަނީގެ ބޮޑު ބައެއް ދައްކާފައިވުމުން، އަންނަ އަހަރު މަޝްރޫއުތައް ނިންމުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެކަމުގެ ނަތީޖާ ފެނިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއާއެކު މިނިސްޓަރު ޒަރީރު ވިދާޅުވީ، އެ މަޝްރޫއު ތަކުގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގައި ނުހިމެނޭ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ހިމެނޭނެ ކަމަށެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ، މީގެ ކުރިން ވެސް ފާހަގަކޮށްފައިވާ ފަދައިން އަންނަ އަހަރަކީ ނަތީޖާ ނެރުމުގެ އަހަރަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. ދަރަނީ އަދާކުރުމަށް ފަހު، ޕީއެސްއައިޕީ އަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ހިމަނާފައި ވާނެ ކަމަށާއި، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ވެސް މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް