Article Top
ކުޅިވަރު •

ފަހަތުން އަރައި ޓީސީ ބަލިކޮށް، އޮޑި ހަތަރު ވަނައަށް ޖެހިލައިފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ފަހަތުން އަރައި ޓީސީ ބަލިކޮށް، އޮޑި ހަތަރު ވަނައަށް ޖެހިލައިފި

އޮޑީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު -- ފޮޓޯ/އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށްފަހު، 30 ދުވަހުގެ މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މިއަދު އަލުން ފެށި މެޗުގައި، ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓީސީންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި އާދަމް ޝަހީމް (އާނާ) އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ޓީސީއަށް ލީޑު ނަގައިދިނީ މުހައްމަދު ދާނިޝް އިބްރާހީމެވެ.

ނަމަވެސް ޓީސީގެ ލީޑު ދެމިއޮތީ އެންމެ ހަތަރު މިނެޓަށެވެ. ޓީސީގެ ކީޕަރު އެމަނުއަލް އެޔިބޯ، އޮޑީގެ ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒްއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަޑްސަން ވަނީ އޮޑިއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގަ އެވެ. މުޒްދާން ހަސަންއާ ގުޅިގެން އުފެއްދި ހަމަލާއެއްގައި، އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޮޑިއަށް ލީޑު ނަގައިދިނީ ކެޕްޓަން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

ދެވަނަ ހާފުގައިވެސް އޮޑިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަޑްސަންއެވެ. މިއީ އަހުޒަމް ރަޝީދު (އަހޫ) ނަގައިދިން ހުރަހަކުން، ވެއްޓިގެންފައި ބޮލުން ޖަހައި ހަޑްސަން ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ހާފުގައި އަހޫ އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތެއް ޓީސީގެ ކީޕަރު އެޔިބޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މި މޮޅާއެކު އޮޑި ހަތަރު ވަނައަށް ޖެހިލީ ކުޅުނު 7 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 5 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ކްލަބް އީގަލްސްއަށް 6 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި މިއަދުގެ މެޗުން ބަލިވި ޓީސީ އޮތީ 7 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް