ޗެމްޕިއަން މާޒިޔާ ބަލިކޮށް ނިއު އެއްވަނައިގައި ހަމަޖެހިލައިފި
ލިޔުންތެރިޔާ
ނިއުގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު - ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް ވިމެންސް ފުޓުބޯޅަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި، މާޒިޔާ އަތުން ހޯދި މި މޮޅަކީ މިއަހަރުގެ ލީގުގައި ނިއުއިން ވިދިވިދިގެން ހޯދި ތިންވަނަ މޮޅެވެ. މީގެ ކުރިން ނިއުއިން ވަނީ އެމްއެސް މޭޓްސް އަތުން 3-0 އިން އަދި ދަ ގްރާންޑޭ އަތުން 15-0 އިން މޮޅުވެފައެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މިއަހަރުގެ މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. މާޒިޔާ މީގެ ކުރިން ވަނީ އެމްއެސް މޭޓްސް އަދި ދަ ގްރާންޑޭ ބަލިކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ނިއުއަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ސަބީނާ ކަތުން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް ދެވަނަ ހާފުގައި ނިއުއިން ވަނީ އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސުމައްޔާ މަޓުޝީމާ ޖެހި ގޯލާއެކު ނިއުއިން ލީޑު ފުޅާކުރިއިރު، އޭގެ ތިން މިނެޓު ފަހުން މަރިޔަމް ނޫރާ ވަނީ ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ސަބީނާ ކަތުން އޭނާގެ ދެވަނަ ގޯލު ޖަހައި ނިއުއަށް ހަތަރު ލަނޑުގެ ލީޑެއް ނަގައިދިންއިރު، މެޗުގެ އިތުރު ވަގުތުގައި މަރިޔަމް ނޫރާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިއު ރޭޑިއަންޓްގެ މަސޫރާ ޕަރްވީންއެވެ.
މިދިޔަ އަހަރު މާޒިޔާ މެޗަކުން ބަލި ނުވެ ވިމެންސް ލީގު ކާމިޔާބު ކުރި އިރު، ނިއު އާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 3-0 އިން މޮޅުވެފަ އެވެ.
މިއަދުގެ މި މޮޅާއެކު ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެމްއެސް މޭޓްސް އާއި ފުލުގައި އޮތް ދަ ގްރާންޑޭއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް