Article Top
ޚަބަރު •

އަތޮޅުތަކަށް ވެސް އަގުހެޔޮކޮށް ކެރެޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން: ސައީދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އަތޮޅުތަކަށް ވެސް އަގުހެޔޮކޮށް ކެރެޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން: ސައީދު

މިނިސްޓަރު ސައީދު --

ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކާއި ރަށްރަށުން ވެސް އެސްޓީއޯ މެދުވެރިކޮށް އަގުހެޔޮކޮށް ކެރެޓު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އަރައި، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައި "ވިލު އޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ދިމާވާ ސަޕްލައި ޝޯޓޭޖްތަކުގެ ސަބަބުން އަގުތަކަށް ބަދަލު އައުމަކީ ދިމާވެދާނެ ކަމެއް ކަމަށާއި، މިފަހަރު ދިމާވި މައްސަލައަކީ ވެސް ރާއްޖެއަށް މުދާ އެތެރެކުރުމުގައި އައި ކުޑަ ލަސްވުމެއް ކަމަށެވެ.

ބާޒާރުގެ ސްޓެބިލިޓީ ނުވަތަ އަގުތައް ހަމައަކަށް އެޅުވުމަށްޓަކައި އަބަދުވެސް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތު ވެސް މާލޭ ބަނދަރުގައި އެސްޓީއޯގެ ކެރެޓު ކޮންޓެއިނަރުތައް އެބަހުރި ކަމަށެވެ. އަދި ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯގެ ފިހާރަތަކުން 40 ރުފިޔާއަށް ކެރެޓު ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަމިއްލަ ވިޔަފާރިވެރިން އެތެރެކުރި ކެރެޓު ވެސް މާކެޓަށް އަވަހަށް ނެރުމަށްޓަކައި، އެމްޕީއެލްއާ ވާހަކަދައްކައިގެން އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެހެން މުދާތައް ލަސްކޮށްފައި ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ އިސްކަންދީގެން ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ބާޒާރުން މި ތަކެތި ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކޮށް ޔަގީންކަން ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ 80 ބާވަތެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ތަރުކާރީ އާއި މޭވާގެ 40 ބާވަތެއް ހިމެނޭއިރު، އެ ތަކެތި ސަރުކާރުން ވަރަށް ގާތުން މޮނިޓަރކޮށް މެނޭޖްކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ވެސް އެސްޓީއޯއާ އެކު މިއަދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް