ހުޅުމާލެ ޕޮލިސް ފޯރަމް 2026 ފަށައިފި
ލިޔުންތެރިޔާ
ހުޅުމާލެ ޕޮލިސް ފޯރަމް 2026ގެ ތެރެއިން.
ހުޅުމާލެ ޕޮލިސް ފޯރަމް 2026 ފަށައިފި އެވެ.
އާދީއްތަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި ފޯރަމަކީ ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި، އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގައި ވާހަކަ ދައްކަމަވުމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާއެކު ހާސިލުކުރަން ބޭނުންވާ ލަނޑު ދަނޑިތައް ކަނޑައެޅުމަށް މި ފޯރަމަކީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް މި އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
އަދި ކޮންމެ ޑިޕާޓްމަންޓަކާއި، ޔުނިޓަކުން ވެސް އިސްކަން ދޭންވީ ކަންކަމާއި ޒިންމާތަކާ އަދި ހުޅުމާލެ ޕޮލިސްގެ ޖުމުލަ ލަނޑު ދަނޑި ތަކަށް ވާސިލުވުމަށް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށާއި، އަދި 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލެވިގެން ދާންވާނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއު އިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
އަދި އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމާ އަދި މުޖުތަމައުގެ ބައިވެރިވުމާއި ކުށް މަދު ކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާ މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން މޮނިޓަރިން އަދި އިވެލުއޭޝަން ކަލަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް، ހިނގާ ނުހިނގާ ގޮތް ބެލުމާއި ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް