Article Top
ޚަބަރު •

ރޮހިންޖާ މައްސަލައިގައި ރާއްޖެ ހޯދި ގާނޫނީ ކާމިޔާބީ: ތާރީހީ ހުކުމް ރާއްޖެއިން ހުށަހެޅި ނުކުތާތަކާ އެއްގޮތަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރޮހިންޖާ މައްސަލައިގައި ރާއްޖެ ހޯދި ގާނޫނީ ކާމިޔާބީ: ތާރީހީ ހުކުމް ރާއްޖެއިން ހުށަހެޅި ނުކުތާތަކާ އެއްގޮތަށް

ރައީސް މުއިއްޒު ބަންޑާރަނައިބު އުޝާމްއާއެކު ---

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ މައްސަލައިގައި، ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެ ގަތުލުއާންމުގެ ފުރިހަމަ ޒިންމާ މިޔަންމާ ދައުލަތުން އުފުލަންޖެހޭނެކަމަށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ) އިން ކުރި ހުކުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައިސީޖޭއިން މި ނިންމި ނިންމުމަކީ ގަތުލުއާންމު ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން މިޔަންމާއިން އެ މުއާހަދާއާ ހިލާފުވެފައިވާކަން ސާބިތުވި މުހިންމު ނިންމުމެއް ކަމަށެވެ.

މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެ ހުށަހެޅި ގާނޫނީ ނުކުތާތަކަށް ކޯޓުން ވަރަށް ބޮޑަށް ބަލައިގަނެ ރިއާޔަތްކޮށްފައިވާކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން ދަ ގެމްބިއާއިން ހުށަހެޅި މައްސަލައެކެވެ. ރާއްޖެއިން މި މައްސަލައިގެ ތެރެއަށް ވަދެފައިވަނީ ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނުވިލާތް، ނެދަލެންޑްސް އަދި އިނގިރޭސިވިލާތާ ގުޅިގެންނެވެ.

ރާއްޖެ ހިމެނޭ ގުޅިފައިވާ ގައުމުތަކުން މައިގަނޑު ގޮތެއްގައި ކޯޓަށް ހުށަހެޅީ ގަތުލުއާންމު ހިންގުމުގެ ނިޔަތް މާނަކުރާނެ ގޮތާއި، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީ ގަތުލުއާންމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ އުސޫލުތަކާ ބެހޭ ގޮތުންނެވެ. ކޯޓުގެ ހުކުމުގައި މި ކަންކަމަށް ފުޅާ ދާއިރާއެއްގައި ބަލައި، ބައިނަލްއަގުވާމީ ގާނޫނުތައް މާނަކުރުމުގައި އެ ނުކުތާތައް ބޭނުންކޮށްފައިވެއެވެ.

މި ހުކުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް