Article Top
ދުނިޔެ •

އަހަރެންގެ އެންމެ ރަނގަޅު ސިފަތައް ޤައުމުގެ ރައްޔިތުންނަށް ނުފެނުން: ސުނާކު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަހަރެންގެ އެންމެ ރަނގަޅު ސިފަތައް ޤައުމުގެ ރައްޔިތުންނަށް ނުފެނުން: ސުނާކު

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ސުނާކު.

އޭނާގެ އެންމެ ރަނގަޅު ސިފަތައް، ނުވަތަ އެންމެ ރަނގަޅު ފަރާތް އެ ޤައުމުގެ ރައްޔިތުންނަށް ފެނުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކު ވިދާޅުވެއްޖެ އެވެ.

ސްކައި ނިއުސްގެ ޕޮލިޓިކަލް ކޮރެސްޕޮންޑެންޓް އެލީ ފޯޓެސްކިއު، އަށް ދެއްވި އިންޓަވިޔުއެއްގައި ސުނާކު ވަނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ގިނަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. އެ އިންޓަވިއު އާންމު ކުރުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ. އެހެން ނަމަވެސް، އެ އިންޓަވިޔުގެ އެކި ތަންތަން ކޮޅު ސްކައި ނިއުސް އިން ދަނީ އާންމު ކުރަމުންނެވެ.

އޭގެ ތެރެއިން ވީޑިއޯ ކޮޅެއްގައި ސުނާކު ބުނީ، މީގެ ކުރީގެ ދުވަސްތައް ހަނދާނަށް ގެންނަ ނަމަ، ބޮޑު ވަަޒީރުގެ މަޤާމުގައި އޭނާ ހުންނެވިއިރު، އޭނާގެ އެންމެ ރަނގަޅު ފަރާތް ޤައުމުގެ ރައްޔިތުންނަށް ފެނުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ސުނާކު ބުނީ އޭނާގެ ސިޔާސީ ކެރިއަރާއި، ތަޖުރިބާ އަށް ބަލާއިރު، ގިނަ ކަންތައްތަކެއް ހާސިލު ކުރެވުނު ކަމަށް ވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

އުމުރުން 46 އަހަރުގެ ސުނާކު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮންސަވޭޓިވް ޕާޓީގެ ލީޑަރަކު ހޮވުމުގެ ރޭސް ކާމިޔާބު ކުރައްވައިގެންނެވެ.

އެހެން ނަމަވެސް، 2024 ވަަނަ އަހަރުގެ ޖުލައި މަހު އޮތް އާންމު އިންތިޚާބުގައި ކޮންސަވޭޓިވް ޕާޓީ އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވުމާ އެކު، ސުނާކު ވަނީ ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު ދެން އުފެދުނީ ލޭބާ ޕާޓީގެ ސަރުކާރެކެވެ. ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު، ސުނާކު ވަނީ ކޮންސަވޭޓިވް ޕާޓީގެ ލީޑަރުގެ މަޤާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

އެހެން ނަމަވެސް، އޭނާ އަންނަނީ ޤާނޫނު ހަދާ މަޖިލީހުގަައި ރިޗްމަންޑް އެންޑް ނޯތްއެލަޓަންގެ މެމްބަރުގެ މަޤާމު އަދާކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް