ރަސްމާލެ މަޝްރޫއާ މެދު އޮޅުވާލަން އުޅުމަކީ ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް: މުންދު
ލިޔުންތެރިޔާ
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް --
ރަސްމާލެ މަޝްރޫއުއާ ގުޅުވައިގެން އެކި ކަހަލަގެ ވާހަކަތައް ދައްކައިގެން އޮޅުވާލަން މަސައްކަތް ކުރާ ފަރާތްތަކުން އެ ކުރަނީ ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މުންދު މިހެން ވިދާޅުވީ، "ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!" މި ސުރުޚީގެ ދަށުން ރާއްޖޭގެ މީޑިއާއެއްގައި ޝާއިއު ކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން "ވީކަން" އިން ސުވާލު ކުރުމުން މުންދު ވިދާޅުވީ، އެ ޚަބަރުގެ މަތިން ތިރިޔަށް އޮތީ ހުސް ޚިޔާލީ ފޮލާ ކަމަށެވެ. އަދި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، މުންދުގެ ނަން ހިމަނައިގެން ލިޔެފައި ވަނީ ވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، ރާއްޖެ ޓީވީގެ މަޤުސަދަކީ ބަޔަކަށް ކަންކަން އޮޅުވާލުން ކަމަށްވާ ނަމަ، އެ ފެން ފުރަނީ ފޫ ނެތް ފަޔަކަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް އަސަރު ކުރިޔަސް، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް މުންދު ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށްޓަކައި ކުރާ ޤައުމީ ކަމެއް ކަމަށް ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، އެކަން ކުރާނީ ރާއްޖެ ޓީވީ ނިސްބަތްވާ ސިޔާސީ ބޭފުޅުން ބޭފުޅުންގެ އުންމީދު ތަކަށްޓަކައި ނޫން ކަމަށެވެ.
"ރާއްޖެ ޓީވީގެ މަޤުސަދަކީ ބަޔަަކަށް ކަންކަން އޮޅުވާލުން ކަމަށްވާ ނަމަ، އެ ފެން ފުރަނީ ފޫ ނެތް ފަޔަކަށް. އަސަރު ކުރިޔަސް މި ޕްރޮޖެކްޓު ކުރިއަށް ގެންދާނެ. އެއީ ރައްޔިތުންނަށްޓަކައި ކުރާ ޤައުމީ ކަމެއް،" މުންދު ވިދާޅުވި އެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ ރަސްމާލެ މަޝްރޫއު އާއި، ޖުމުލަކޮށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ޤާނޫނީ އޮނިގަނޑު އޮތީ ހާމަކޮށް ފެންނަން ކަމަށެވެ. އަދި އެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައިވާ ކަމަށް މުންދު ފާހަގަ ކުރެއްވި އެވެ. އެކަމުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށާއި، މަތި މައްޗަށް ދޮގު ހެދިޔަސް އެކަން ބަދަލެއް ނުވާނެ ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.
އެ ޚަބަރަށް އިތުރަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، އެ ޚަބަރުގެ މަޤުސަދަކީ ދޭތެރެ ޖައްސަން ކަމަށްވާ ނަމަ، އެ ކުރަނީ ބޭކާރު ކަމެއް ކަމަށެވެ. ސަރުކާރުގައި އޮތީ ބަދަހި ޓީމެއް ކަމަަށާއި، އެންމެންގެ އަމާޒު ވެސް އެއްގޮތް ކަމަށާއި، ދާނީ ކުރިއަށް ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.
ހަމައެހެންމެ މުންދު ވިދާޅުވީ، ރައްޔިތުންނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަަކަށް ސިޔާސީ މުސްތަޤުބަލެއް ނެތް ކަމަށެވެ. އަދި އަމިއްލަ އަށް ފައިދާ އަށް ވިސްނުމަށް ފަހު، މިފަދަ ބޮޑު ކުރިއެރުމެއް ރައްޔިތުންނަށް ލިބޭ ކަމެއްގައި ދެކޮޅު ހަދާ ބަޔަކު ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައި އެވެ. އެފަދަ ސިޔާސީ ފަރާތްތަކަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އޮތީ މާ ދުރެއްގައި ނޫން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅުވައި ދައްކަމުން އަންނަ ދޮގު ވާހަކަތައް އަބަދު ވެސް ސަރުކާރުން އަންނަނީ ދޮގު ކުރަމުންނެވެ. އަދި އެކަމުގައި އޮޅުވާލާނެ ކަމެއް ނޯންނާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ފައިދާވާނެ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް