Article Top
ޚަބަރު •

ކެމިކަލްތަކާ ބެހޭ ބައިނަލްއަޤުވާމީ ފުރަތަމަ ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކެމިކަލްތަކާ ބެހޭ ބައިނަލްއަޤުވާމީ ފުރަތަމަ ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވެއްޖެ

"ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް" (ޖީއެފްސީ) ގެ ބައިނަލްއަޤުވާމީ ފުރަތަމަ ކޮންފަރެންސްގެ ތެރެއިން.

ސްވިޒަލެންޑުގެ ޖެނީވާގައި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ކުރިއަށް ދިޔަ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް" (ޖީއެފްސީ) ގެ ބައިނަލްއަޤުވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި، ޞިނާއީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކުން ބައިވެރިވި އެވެ.

މި ކޮންފަރެންސްގެ ތެރެއިން މި އޮނިގަނޑު (ފްރޭމްވޯކް) ތަންފީޒު ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައި އެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުން ކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް (ގްލޯބަލް އިންޑިކޭޓާސް) ކަނޑައެޅުމާއި، މިކަން ތަންފީޒު ކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެ އެވެ.

މީގެ އިތުރުން، ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު" ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރު ކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައި އެވެ.

މި ކޮންފަރެންސްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައި ވަނީ ޕްރޮޖެކްޓް މެނޭޖަރު ޙަސަން އަޒްހަރު އެވެ. އަދި މި ފްރޭމްވޯކް ތަންފީޒު ކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމް އާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެކުލަވައިލި "ކޮންޓެކްޓް ގްރޫޕް" ގެ ކޯ ޗެއާގެ މަޤާމު ވެސް ޙަސަން އަޒްހަރު ވަނީ ފުރުއްވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް