Article Top
ކުޅިވަރު •

ޒުވާން ކުޅުންތެރިންގެ ޖާދުލާއެކު ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ ލީގު ރޭހަށް

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ޒުވާން ކުޅުންތެރިންގެ ޖާދުލާއެކު ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ ލީގު ރޭހަށް

މާޒިޔާގެ ކުޅުންތެރިން ގޯލެއް ޖެހުމަށްފަހު -- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފުގައި ކުޅެން ނުކުތް ބަދަލު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމާއެކު، ފަހަތުން އަރައި 5-2 އިން ދިއްދޫ ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ރޭހުގެ ފޯރި އާކޮށްލައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ކުޅުން ފެނުނީ އާދައިގެ ގޮތަކަށެވެ. މެޗުގެ ކުރީކޮޅު އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވުމުގެ ނަތީޖާއަކަށްވީ، ކައުންޓަ އެޓޭކުގައި މޮޅު ކުޅުމެއް ދެއްކި ދިއްދޫން މެޗުގެ 34 ވަނަ މިނިޓްގައި ލީޑު ނެގުމެވެ. ކުރިން މާޒިޔާއަށް ކުޅުނު މުހައްމަދު ތަޝްމީން (ތައްތި) ކާމިޔާބުކުރި މި ލަނޑާއެކު މާޒިޔާއަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް، އަލަށް މާޒިޔާއާ ގުޅުނު ޒުވާން ޑިފެންޑަރު ހުމައިދު ހުސެއިން ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެންދިޔައީ ދެވަނަ ހާފުގައި މާޒިޔާއިން ގެނައި ބަދަލުތަކާއެކުއެވެ. ދެވަނަ ހާފު ފެށިގެން މިނިޓެއް ވެސް ނުވަނީސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނާޝިއު އަހުމަދު ޝިހާމް ވަނީ ރީބައުންސް ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި މާޒިޔާއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ.

އޭގެ ފަހުން ފެނުނީ އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނާއި ސާނޭގެ ކޮމްބިނޭޝަނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިލާން ވަނީ 59 ވަނަ މިނިޓްގައި ސާނޭ ދިން ބޯޅައަކުން ލަނޑު ޖަހައިފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާނޭ ވަނީ މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާގެ ފަސްވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި އިލާން ދިން ތުރޫޕަހަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފަށް އަނިޔާވި ވަގުތު، ދިއްދޫގެ މުހައްމަދު ޝަނާއު ނަސީރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ވަނީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. މިއާއެކު، 19 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް