Article Top
ކުޅިވަރު •

ޖަޑާގެ ފުރަތަމަ މެޗުގައި ގައްދޫއަށް މާޔޫސްކަން؛ ބިސް ބުރު ލީގުގެ ތިންވަނައަށް

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ޖަޑާގެ ފުރަތަމަ މެޗުގައި ގައްދޫއަށް މާޔޫސްކަން؛ ބިސް ބުރު ލީގުގެ ތިންވަނައަށް

ގައްދޫގެ އާ ކޯޗު ޖަޑާ -- ފޮޓޯ/ އެފްއޭއެމް

އާ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ގެ އިރުޝާދުގެ ދަށުން ގދ. ގައްދޫ ރެކްރިއޭޝަން ކްލަބް ނުކުތް ފުރަތަމަ މެޗުން 1-0 އިން އެ ޓީމު ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

މި ސީޒަންގައި މުޅިން އަލަށް ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ މި ދެ ޓީމުގެ ކުރިމަތިލުމުގައި ބިސް ބުރުން ހޯދި މި މޮޅާއެކު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލައިފަ އެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދާފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އަދި ދެވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.

ފުރަތަމަ ހަ މެޗުން ބަލިވުމާ ގުޅިގެން ކުރީގެ ކޯޗު މުހައްމަދު ނަޒީހު ވަކިކޮށް، ގައްދޫން ޖަޑާއާ ޓީމު ހަވާލުކުރީ ނަތީޖާތައް ރަނގަޅުކުރުމުގެ އުންމީދުގަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގައްދޫގެ ކުޅުމަށް ހެޔޮ ބަދަލުތަކެއް އައި ނަމަވެސް ޕޮއިންޓެއް ހޯދޭގޮތެއް ނުވި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ބިސް ބުރުން ކާމިޔާބުކުރީ 23 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ނައިޖީރިއާގެ މިޑްފީލްޑަރު އަރެމޫ ޓިމޮތީ އެވެ. ނަތީޖާ ހަމަހަމަކުރަން ގައްދޫން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ބިސް ބުރުގެ ގާނާ ކީޕަރު ޕީޓާ ސަރްކޯޑީ ވަނީ ހުޝިޔާރުކަމާއެކު މަތަކުރި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް