އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިހުސާނު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު އަީ އިހުސާން --
އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕާސްޕޯޓުގެ ޕްރިންޓިން އަށް ދިމާވި މައްސަލައަކާއި ގުޅިގެން މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް ގައުމުން ބޭރަށް ދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދޭ ކަމަށެވެ. އެގޮތުން މިވީހާތަނަށް ޕާސްޕޯޓަށް އެދުނު ފަރާތްތަކަށް ޓްރެވަލް ޑޭޓަށް ބެލުމަށްފަހުގައި ޕާސްޕޯޓު ދޫކޮށްފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޕާސްޕޯޓު ޕްރިންޓިން އަށް ދިމާވި މައްސަލާއާއެކު އިމިގްރޭޝަންގެ ސްޓޮކުން ޕާސްޕޯޓު އެއްކޮށް ހުސްވީ ނޫން ކަމާއި، މިފަދަ ހާލަތްތަކުގައި ސަރުކާރާއި އިމިގްރޭޝަނުގެ ފަރާތުން ނެންގެވި ފިޔަވަޅާއެކު ޕާސްޕޯޓަށް ބޭނުންވި ހުރިހާ ފަރާތްތަކަށް ތަކުލީފަކާނުލާ އެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މިހާރުވެސް ރާއްޖޭގެ 39 ސަރަހައްދެއްގައި ޕާސްޕޯޓުގެ ހިދުމަތް ދެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއާއެޕޯޓެއް އޮންނަ ކޮންމެ ރަށެއްގައި އަދި އާބާދީގައި ހާހަކަށްވުރެ އިތުރަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ހިދުމަތްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. ރާއްޖޭގެ އިތުރުން މަލޭޝިއާ އަދި ސްރީ ލަންކާގައިވެސް ދިވެހިި ޕާސްޕޯޓުގެ ހިދުމަތް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ޕާސްޕޯޓުގެ ހިދުމަތަށް އެދުމުން އެކަން އިޝޫކުރުމަށް އެއް މަހާއި، ދެ ހަފްތާއާ ދެމެދުގެ މުއްދަތެއް ހިނގާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޕާސްޕޯޓުގެ ހިދުމަތްދެމުންދަނީ އެ ހުރިހާ ގައުމަކާ އަޅާބަލާއިރުވެސް މާ އަވަހަށް ކަމަށެވެ.
ޕާސްޕޯޓުގެ ޕްރިންޓިންގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުގެ ވިސްނުން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމަކީ އެއްކުންފުނިން އަނެއް ކުންފުންޏަށް އަވަސް އަވަހަށް ބަދަލުކުރުމަށްވުރެ ގައުމީ ސަލާމަތަށް މާ މުހިންމު ކަމެއް ކަމަށާއި، އެގޮތަށް އަމަލު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އަދި ހަމަ އެހެންމެ ސަލާމަތީ ގޮތުން އެތަކެއް ފީޗާއެއް ޕާސްޕޯޓުތަކުގައި އެކުލެވިގެންވާއިިރު، ޕްރިންޓުކުރުމާއި، ސަޕްލައި ކުރުމަށް އެކި ފަހަރު އެކި ކުންފުނިތަކަށް ހަވާލުކުރުމުން އެކަމުގެ ނުރައްކާ ބޮޑުވެގެންދާނެ ކަމަށެވެ.
ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް އިމިގްރޭޝަނުން ނިންމީ، މިދިޔަ އޮގަސްޓުމަހުގެ 27 ވަނަ ދުވަހުއެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
އިމިޤްރޭޝަނުން ގެނައި ބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވެއެވެ. އަދި އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް