އަމިއްލައަށް އެދިގެން ކޯޗު ގްރެގޯރިއޯ، އޮޑި ސްޕޯޓްސް ކްލަބް ދޫކޮށްލައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ލީގުގެ ފުރަތަމަ މެޗުގެ ޕްރީމެޗް ޕްރެސްގައި ގްރެގޯރިއޯ -- ފޮޓޯ/ މިހާރު: ފަޔާޒް މޫސާ
އޮޑި ސްޕޯޓްސް ކުލަބާ މި ސީޒަނުގައި ހަވާލުވި ޕޯޗުގަލްގެ ކޯޗު ރުއީ ގްރެގޯރިއޯ، އޭނާ އަމިއްލައަށް އެދިގެން އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.
މިއީ މި ސީޒަންގެ ލީގުގައި ޓީމެއްގެ ކޯޗު ކްލަބް ދޫކޮށްލި ފުރަތަމަ ފަހަރެވެ. އޮޑި ސްޕޯޓްސް އިން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހެޑް ކޯޗު ގްރެގޯރިއޯ ކްލަބް ދޫކޮށްލުމާ ގުޅިގެން އެންމެ ފަހުން އިއްޔެ އެ ޓީމު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި އޮޑި އަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) އެވެ.
ކަޕް ވިނާސް ކަޕުގެ މެދުތެރެއިން އޮޑިއާ ހަވާލުވި ގްރެގޯރިއޯގެ އިރުޝާދުގެ ދަށުން އެ މުބާރާތް އެޓީމުން ނިންމާލީ ތިންވަނައިގަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އެޓީމު އެންމެ ފަހުން ކުޅުނު ލީގު މެޗުން މާޒިޔާ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.
ލީގު ފެށުމުގެ ކުރިން ކުރިން، ރެއާލް މެޑްރިޑަށް ކުޅުނު މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒް ގެނައުމަށްވެސް އޮޑިން މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ފުޓުބޯޅަ ވަސީލަތްތައް މަދުވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެ އައިސް، ސޮއި ނުކޮށް އެނބުރި ގޮސްފަ އެވެ. ރާއްޖޭގެ ކްލަބްތަކުން ޓާފް ދަނޑުގައި ޕްރެކްޓިސްކޮށް ވިނަ ދަނޑުގައި މެޗު ކުޅެންޖެހޭ މައްސަލަ އޭނާ ފާހަގަކުރާ ކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އޮޑީ ސްޕޯޓްސް ވަނީ މިދިޔަ އަހަރު އަލަށް ޕްރިމިއާ ލީގުގައި ވާދަކޮށް ތާވަލްގެ ދެވަނައިގައި ނިންމައިފަ އެވެ. އަދި މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ވެސް އެ ޓީމު ކާމިޔާބު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް