ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމުގެ ފުރަތަމަ ތަޖުރިބާ
ލިޔުންތެރިޔާ
ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އާ ބާބެއް ލިޔެފި އެވެ.
އަލަށް ބާއްވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، އަޒަރުބައިޖާންގެ ހޮވްސާން ކޮމްޕެޓިޝަން ކޮމްޕްލެކްސްގައި ރާއްޖޭގެ ޓީމު ވަނީ ވަރުގަދަ ސައުތު އެފްރިކާއާ ދެކޮޅަށް ނުކުމެ، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފުރަތަމަ ތަޖުރިބާ ހޯދައިފަ އެވެ.
މި މެޗު 8-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ކުރިހޯދި ނަމަވެސް، މިއީ ދިވެހި ޒުވާން ސްކޮޑަށް ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ތަޖުރިބާކޮށްލަން ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ. މެޗުގެ ކުރީކޮޅު ސައުތު އެފްރިކާގެ އެޓޭކްތައް ވަރުގަދަވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ހިތްވަރާއެކު ކުޅެ، ގައުމީ މުބާރާތްތަކުން ނުލިބޭނެ ފަދަ ޓެކްޓިކަލް އަދި ފިޒިކަލް ތަޖުރިބާތަކެއް ހާސިލްކޮށްފަ އެވެ. ސައުތު އެފްރިކާގެ ލަނޑުތައް ކާމިޔާބުކުރީ ދެ ލަނޑު ޖެހި ތިއާމޯ މަޝީޝީގެ އިތުރުން ކިއާނޫ މޯސަސް، ބޮހްލާލޭ ފިންގަރ، ރިއަޓްލެގިލޭ މޮސިމާނޭ، ލެސެޑީ ހްލަލެލޭ، ޓުމެލޯ މޮއެރާނޭ އަދި އިންގަނާތީ ސަލީވާ އެވެ.
މި މުބާރާތުގެ އެންމެ ހާއްސަ ކަމަކީ ކުޅުންތެރިން ކުރިއެރުވުމަށް އިސްކަންދީގެން ފީފާއިން ފަރުމާކޮށްފައިވާ އޮނިގަނޑެވެ. ފީފާ 15 އަހަރުން ދަށުގެ ފެސްޓިވަލްގެ މި ތަފާތު ފޯމެޓްގެ ދަށުން، ގްރޫޕް ސްޓޭޖުން އެއްވެސް ޓީމެއް މުބާރާތުން ވަތްކެއް ނުވާނެއެވެ. ގްރޫޕް ބުރުގެ މެޗުތަކުން ހޯދާ ނަތީޖާއަށް ބަލައި، ހަމައެކަނި ކަނޑައެޅޭނީ މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަންޖެހޭނީ ކޮން ފެންވަރެއްގެ (ޓިއާ/ޑިވިޝަން އެއްގެ) ޓީމުތަކަކާ ކަމެވެ.
މި ފޯމެޓުގެ ސަބަބުން، ދުނިޔޭގެ އެކި ބައްރުތަކުގެ ތަފާތު ކުޅުމުގެ ވައްޓަފާޅިތަކާ ދެކޮޅަށް ޒުވާން ކުޅުންތެރިންނަށް ގިނަ މެޗު ކުޅުމުގެ ފުރުސަތު ކަށަވަރުވެގެން ދެއެވެ. މިއީ މުސްތަގުބަލުގައި ގައުމީ ސީނިއާ ޓީމަށް ކުޅުންތެރިން ބިނާކުރުމަށް ސަރުކާރާއި އެފްއޭއެމްއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
ފުރަތަމަ މެޗު މިހާރު ނިމިފައިވާއިރު، މި މެޗުން ދަސްވި ކަންކަމާއެކު ރާއްޖޭގެ ޒުވާން ޓީމަށް ވަނީ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުމަށް ރަނގަޅު ޕްލެޓްފޯމެއް ލިބިފަ އެވެ.
ރާއްޖެ ހިމެނޭ ގުރޫޕް އޭގައި ފްރާންސް ވަނީ 8-1 އިން އަންގީލާއާ ދެކޮޅަށް ކުރި ހޯދައިފަ އެވެ. އަދި އެސްޓޯނިއާ ވަނީ 1-0 އިން ކޮސޯވޯ ބަލިކޮށްފަ އެވެ.
ދެކުނު އޭޝިއާގެ އެހްނެ ގައުމުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު، އިންޑިއާ ވަނީ 4-2 އިން ލާއޯސް ބަލިކޮށްފަ އެވެ. ނޭޕާލް 3-1 އިން ޓިއުނީޝިއާ އަތުން ބަލިވެފައި ވާއިރު ސްރީލަންކާ ވަނީ 5-0 އިން ޗެކްރިޕަބްލިކް އަތުން ބަލިވެފަ އެވެ. އަދި ޕާކިސްތާން 4-2 އިން ގަމްބިއާ އަތުން ބަލިވެފައި ވާއިރު ބޫޓާން ވަނީ 12-0 އިން ލިތުއޭނިއާ އަތުން ބަލިވެފަ އެވެ. ބަންގްލަދޭޝް އާއި ވޭލްސް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
މާދަމާ އަދި ޖެހިގެން އަންނަ ދުވަހު ވެސް ރާއްޖޭގެ ޒުވާން ޓީމު ދެ މެޗެއް ކުޅޭނެ އެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗުގައި މެންދުރު 1:45 ގައި ނުކުންނާނީ ފްރާންސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ކުޅޭނީ ކޮސޯވޯއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް