Article Top
ޚަބަރު •

އދ. އަކީ އިތުބާރު ކުރެވޭ، ޒިންމާދާރު މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އދ. އަކީ އިތުބާރު ކުރެވޭ، ޒިންމާދާރު މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސް މުޢިއްޒު

އދ.ގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު މީގެ ކުރިން ތަޤުރީރު ކުރައްވަނީ.

އެކުވެރި ދައުލަތް (އދ) އަކީ އިހުތިރާމުކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި އެވެ.

Advertisement
Article Inside

ރައީސް މުޢިއްޒުގެ މެސެޖުގައި އދ.ގެ އިތުބާރު ބިނާވެފައިވަނީ، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވީ ހިނދު، އެކަން ޙާސިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނު ތަކަށް ފުރިހަމަ އަށް އިހުތިރާމުކޮށް، ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ މުއާހަދާތައް ފުރިހަމަ އަށް ތަންފީޒު ކުރެވިގެން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ސަރަހައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒު ކުރުމުގައި ހަމަހަމަކަން ނެތުމާއި، އަދި ދުނިޔެ އަށް އަންނަ ބަދަލުތަކާ އެއްވަރަށް، ޤައުމުތައް ކުރިއަށް ދިޔުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްސަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށް ވެސް ރައީސް މުޢިއްޒުގެ މެސެޖުގައި އަލިއަޅުއްވާ ލައްވާފައިވެ އެވެ.

މީގެ އިތުރުން، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައި ހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނި ހިމެނޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ޤައުމީ އަމާޒުތަކާއި އުންމީދުތައް ޙާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް، ރާއްޖެ އިން ކުރާ އުންމީދު ޙާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިޤްތިޞާދު ވަރުގަދަ ކުރުމަށް، އަދި ރާއްޖެ އިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުންތެރިކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އދ. އަކީ ހުރިހާ ދައުލަތް ތަކެއްގެ ޙައްޤުތަކަށް އިހުތިރާމުކުރާ، ހުރިހާ ޤައުމެއްގެ އަޑު އަހައި، އަދި އެއްވެސް ޤައުމެއްގެ މުސްތަޤުބަލު އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަ ނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާއަތެއްގެ ގޮތުގައި ދެމި އޮތުމުގެ މުހިންމުކަން ވެސް ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް