އިކޮނޮމިކް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ބައްދަލުވުމެއްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ
ލިޔުންތެރިޔާ
އިންޓަނޭޝަނަލް ކޯޕަރޭޝަން އިން އިކޮނޮމިކް އޮފެންސަސް މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ދިވެހި ފުލުހުންގެ ދެ އޮފިސަރުން.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އިން އިންތިޒާމު ކޮށްގެން އިންޑިއާގައި ބޭއްވި "އިންޓަނޭޝަނަލް ކޯޕަރޭޝަން އިން އިކޮނޮމިކް އޮފެންސަސް" މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.
ނޮވެމްބަރު 16 އިން 18 އަށް އިންޑިއާގައި ކުރިއަށް ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު އަލީ އާއި، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޙުސައިން ވިޝާމް އެވެ.
މި މަސައްކަތު ބައްދަލުވުމަކީ ބޯޑަރު ހުރަސްކޮށް ހިންގާ އިޤްތިސާދީ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތަކުގެ މެދުގައި އިލްމާއި، ތަޖުރިބާ އާއި، އައު ޚިޔާލުތަކުގެ އިތުރުން އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުމަށް ފަހި ޕްލެޓްފޯމެއް ޤާއިމުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް އެކެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެކުލަވާލާފައިވާ ސަރަހައްދީ އިއްތިހާދެކެވެ. މި އިއްތިހާދުގެ ދަށުން އެއްބާރުލުން ދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޓްރެފިކިން އަދި ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމާއި، ސައިބާ ސެކިއުރިޓީ އާއި ސަރަހައްދީ ސަލާމަތާ ގުޅުންހުރި އެހެނިހެން މުހިންމު ދާއިރާތައް ހިމެނެ އެވެ.
އިޤްތިސާދީ އަދި މާލީ ކުށްތަކަކީ ގިނަ ފަހަރަށް ޤައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ، އަދި މާލީ މުއާމަލާތްތަކާއި ޑިޖިޓަލް ހެކިތައް އެކި ޤައުމުތަކާ ގުޅިފައި ހުންނަ ކުށްތަކަކަށް ވާއިރު، މިފަދަ މައްސަލަތައް ތަޙުގީގު ކުރުމުގައި ޤައުމުތަކުގެ އެއްބާރުލުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ އޮފިސަރުން މިފަދަ ސަރަހައްދީ މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ސަރަހައްދުގެ އެހެން ޤައުމުތަކުގެ ތަންފީޒީ އިދާރާތަކުން އަމަލުކުރާ އުސޫލުތައް ދެނެގަނެ، ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ކުށްތައް ތަޙުގީގު ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާބިލުކަމާއި، ޤައުމުތަކާ އެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް