Article Top
ޚަބަރު •

ކެރެޓުގެ އަގު އުފުލުން: ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު 2021 ގެ ހާލަތު ހަނދާންކޮށްދެއްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކެރެޓުގެ އަގު އުފުލުން: ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު 2021 ގެ ހާލަތު ހަނދާންކޮށްދެއްވައިފި

މިނިސްޓަރު ސައީދު ---

ލޯކަލް މާރުކޭޓުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ފަރާތުން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް މިފަދަ ހާލަތްތައް މެދުވެރިވިކަން ހަނދާންކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު މީސްމީޑިއާގައި ވާހަކަދައްކަވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކެރެޓުގެ އަގު އުފުލިގެން މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ "އަދަދު" ނޫހުން، 2021 ވަނަ އަހަރު ވެސް ކެރެޓު ކިލޯއެއްގެ އަގު 120 ރުފިޔާއަށް އެރި ކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައި، އެ ދުވަސްވަރުގެ ހާލަތު ހަނދާންކޮށްދެއްވައިފައެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ކެރެޓުގެ އަގު އުފުލުމުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލި ނަމަވެސް، މި ސަރުކާރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި، ވަގުތު ބޭކާރުނުކޮށް އަމަލީ ގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކެރެޓުގެ އަގު ބޮޑުވުމާ ގުޅިގެން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައި، ކާބޯތަކެތީގެ އަގު އުފުލުމަކީ ހަމައެކަނި މި ސަރުކާރުގައި ހިނގާ ކަމެއް ނޫންކަން ދޭހަވާ މޭރުމަކުން ހިޔާލު ފާޅުކުރައްވާފައެވެ.

އާންމުކޮށް 25 އާއި 35 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުން އައި ކެރެޓު ކިލޯއެއްގެ އަގު ކުއްލިއަކަށް 170 ރުފިޔާއަށް އަރައިގެން ދިއުމާ ގުޅިގެން، ސޯޝަލް މީޑިއާގައްޔާއި ބައެއް ނޫސްތަކުގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް، މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ކެރެޓުގެ އަގު ކުއްލިއަކަށް އުފުލުނީ ސަޕްލައި ޗޭނަށް ދިމާވި ވަގުތީ މައްސަލައަކާ ގުޅިގެން އަމިއްލަ ވިޔަފާރިވެރިން އެތެރެކުރި މުދާ ލިބުން ލަސްވުމުގެ ސަބަބުންނެވެ.

އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ރާއްޖެ ގެނެސްފައިވާ ކެރެޓު ޝިޕްމެންޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް، ކްލިއާ ކުރުމުގެ މަސައްކަތް އަވަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ބުނެފައެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އެސްޓީއޯ އިން އިތުރު ކޮންޓޭނަރުތައް ކްލިއަރކޮށް ބާޒާރަށް ކެރެޓު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބަދަލުތަކާއެކު އަގުތައް އަލުން ތިރިވެ އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މާރުކޭޓުގައި ކެރެޓުގެ އަގު އުފުލިގެން ދިޔަ ދަނޑިވަޅުގައި ވެސް އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަމުން ގޮސްފައިވަނީ ކިލޯއެއް 40 ރުފިޔާގެ މަގުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް