ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި
ލިޔުންތެރިޔާ
ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޒުވާނުންނަށް ޚާއްސަ ކޮށްގެން ބޭއްވި ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައި އެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖުމްލަ 84 ބައިވެރިންނާއިރު ކުރިއަށް ގެންދިޔަ މި ކޮންފަރެންސް އަކީ ރާއްޖޭގައި ޒުވާނުންނަށް އަމާޒު ކޮށްގެން ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ މެންޓަލް ހެލްތް ކޮންފަރެންސް އެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިޔައީ "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުންނެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައި އާއި، މުޖުތަމައުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހަންމަލު ކުރަމުންދާކަން ތަފާސް ހިސާބު ތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮ ކަމަކީ މިހާރު ޤައުމީ ފެންވަރުގައި އަވަސް ޙައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑު ނާހައި ނުނިންމުން" މި އުސޫލުގެ މަތިން ބޭއްވި މި ކޮންފަރެންސް އަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓުނަރަކީ އުރީދޫ މޯލްޑިވްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް