ރައީސް މުޢިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ހުކުރު ދުވަހު އާންމުކޮށްފައިވާ ގޮތުގައި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 14 ވާ ހޯމަ ދުވަހުން ފެށިގެން، 15 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖެ އަށް ވަޑައިގެންނެވުމުގެ ދައުވަތު ރައީސް މުޢިއްޒު، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އަށް އަރުއްވާފައި ވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމަނިކުފާނު މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެެއިންނެވެ. މިއީ 2022 ވަނަ އަހަރު މެލޭޝިއާގެ ބޮޑު ވަޒީރުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، އަންވަރު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރު ކުރުމުގެ އިތުރުން، އެކި ދާއިރާ ތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރުގެ އަންވަރުގެ މި ދަތުރުފުޅުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެމަނިކުފާނުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް