Article Top
ޚަބަރު •

އަންނަ މަހުން ފެށިގެން ކުދި ވިޔަފާރިތަކުން ޑޮލަރުން ފައިސާ ދެއްކުމަށް ފަހިކޮށްދެނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އަންނަ މަހުން ފެށިގެން ކުދި ވިޔަފާރިތަކުން ޑޮލަރުން ފައިސާ ދެއްކުމަށް ފަހިކޮށްދެނީ

"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ---

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުދި ވިޔަފާރިތަކުން ޑޮލަރުން ދައްކަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ދެއްކުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް ޑޮރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމާއި، އެ ފަރާތްތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement
Article Inside

އެމަނިކުފާނު ވިދާޅުވީ، ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފައިސާ ލިބިގަތުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

މީގެއިތުރުން، އެގޮތަށް ލިބޭ ޑޮލަރުން ޑެބިޓު ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ހިދުމަތް ބޭނުންކޮށްގެން، ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ މަގުވެސް ނޮވެމްބަރު 1 އިން ފެށިގެން ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލުއިފަސޭހަތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ގުޅެން އެދޭ ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައިގަނެ، އިގްތިސާދީ ގޮތުން ފުދުންތެރި، ބާރުވެރި ބަޔަކަށް ވެގެންދިއުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް