އަންނަ އަހަރު ރޯދަ މަހު މަސްދަޅު ކޭސް ބަހަން 86 މިލިއަން ރުފިޔާ ބަޖެޓުކޮށްފި
ލިޔުންތެރިޔާ
މިއަހަރު މަސްދަޅު ކޭސް ބެހުމުގެ ތެރެއިން -- ފޮޓޯ/ މިހާރު
އަންނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަށް ދައުލަތުގެ ބަޖެޓުން 86.8 މިލިއަން ރުފިޔާ ހަރަދުކުރަން ހިމަނައިފި އެވެ.
ދައުލަތުގެ ބަޖެޓު ފޮތުން ދައްކާ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކަމަށް ކުރާ ޚަރަދު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން 2028 ވަނަ އަހަރު ރޯދަމަހު މަސްދަޅު ކޭސް ބެހުމަށް 90.9 މިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 95.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.
ސަރުކާރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ބަހަން ފެށީ 2025 ވަނަ އަހަރުގެ ރޯދަ މަހުއެވެ. އެ އަހަރު މި ކަމަށް 81.1 މިލިއަން ރުފިޔާ ޚަރަދުވިއިރު، ހިނގަމުންދާ އަހަރުގެ ރޯދަ މަހު 118,000 މަސްދަޅު ކޭސް ބަހާފައިވެއެވެ.
އެ އަހަރު މިފްކޯއިން މަސްދަޅު ކޭހެއް ވިއްކި 760 ރުފިޔާގެ މަގުން ބަލާއިރު، މި އަހަރު މަސްދަޅު ކޭސް ބެހުމަށް ގާތްގަނޑަކަށް 89.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
ރޯދަ މަހަކީ މަސްދަޅުގެ ބޭނުންތެރިކަމާއި އަގު އުފުލޭ ދުވަސްވަރަކަށް ވާތީ، ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އަންނަނީ ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ މަހަށް ސަރުކާރުގެ ފަރާތުން ހަދިޔާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް