Article Top
ޚަބަރު •

ޞިއްޙީ ދާއިރާ ފުޅާ ކުރުމަށް އެހެން ސަރުކާރު ތަކުން މަސައްކަތް ނުކުރާ މިންވަރަށް، މި ސަރުކާރުން ކުރޭ: މިނިސްޓަރު ޤީލާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޞިއްޙީ ދާއިރާ ފުޅާ ކުރުމަށް އެހެން ސަރުކާރު ތަކުން މަސައްކަތް ނުކުރާ މިންވަރަށް، މި ސަރުކާރުން ކުރޭ: މިނިސްޓަރު ޤީލާ

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޤީލާ ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާ ކުރުމަށް މީގެ ކުރީގެ އެހެން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޤީލާ މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު ޤީލާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް 200 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އެ އަދަދު ތަކަކީ މީގެ ކުރީގެ ސަރުކާރުން ހިންގި މަޝްރޫއު ތަކުގެ އަދަދާ އެކު ހިމެނިފައިވާ އަދަދެއް ކަމަށް މިނިސްޓަރު ޤީލާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަނި ވެސް، 150 އަށް ވުރެ ގިނަ މަޝްރޫއު ފެށިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް މިނިސްޓަރު ޤީލާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއާއެކު މިނިސްޓަރު ޤީލާ ވިދާޅުވީ ޞިއްޙީ ދާއިރާގެ ކަންކަމަށް 5.98 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ހޭދަކުރުމަށް ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ.

އެ މަޝްރޫއު ތަކުގެ ތެރެއިން މިހާތަނަށް 26 މަޝްރޫއެއް ފުރިހަމަ ކުރެވިފައިވާ ކަމަށާއި، 17 މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. މިހާރު ހިނގަމުން އަންނަ މަޝްރޫއު ތަކުގެ ތެރޭގައި 30 ހޮސްޕިޓަލް އާއި، 24 ޞިއްޙީ މަރުކަޒާއި، 4 ޓާޝަރީ ހޮސްޕިޓަލް އަދި 90 އަޕްގޭޑިން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެއީ މިހާތަނަށް އެއްވެސް ސަރުކާާރަކުން ޞިއްޙީ ދާއިރާގެ އުމްރާާނީ ތަރައްޤީ އަށް ކޮށްފައި ނުވާ ވަރުގެ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ޤީލާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް