ވަކި އުމުރެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާ ކުރަނީ
ލިޔުންތެރިޔާ
ކެބިނެޓުގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން.
ދިވެހިރާއްޖޭގައި ވަކި އުމުރެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިޙުސާން އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިޙުސާން ވިދާޅުވެފައި ވަނީ، ވަކި އުމުރުފުރާއެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާ ކުރުމަށް މަޝްވަރާކުރެވި، އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިކަން ކުރުމުގެ މަޤުސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި އެ ކުދިންނަށް ސޯޝަލް މީޑިއާގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް ރާއްޖެ އިން އެޅިދާނެ ފިޔަވަޅުތައް ހޯދުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވި އެވެ. އަދި އެކަން ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ފަރާތުން ސޯޝަލް ކައުންސިލަށް މައުލޫމާތު ކަރުދާހެއް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާތަަނަށް އައިއިރު، ލަފާ ދީފައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އެ ފިޔަވަޅު އެޅުމަށް ކަމަށް ވެސް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި މިނިސްޓަރު އިޙުސާން ވަނީ ދުނިޔޭގެ ބައެެއް އެހެން ޤައުމު ތަކުން ވެސް މިހާރު އެ ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް އޮސްޓްރޭލިއާގައި މަނާ ކޮށްފައިވާ ކަމަށް މިނިސްޓަރު އިޙުސާން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ރެސްޓްރިކްޝަންތަކެއް އެޅުމަށް ފްރާންސްގައި ޤާނޫނެއް ހަދާފައިވާ ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވި އެވެ. އަދި ނޯވޭގައި 16 އަހަރުން ދަށުގެ ކުދިންނަށް އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްލޭން ކޮށްފައިވާ ކަމަށާއި، އިނގިރޭސިވިލާތުގައި ވެސް އެފަދަ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
އެމެރިކާގެ ފްލޮރިޑާގައި 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާ ކަމަށާއި، 14 އަހަރުން މަތީގެ ކުދިންނަށް ބެލެނިވެރިންނާ އެކު ހުއްދަ ދިނުމުގެ އުސޫލު ފަރިތަކުރަމުން އަންނަ ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވި އެވެ. އެހެންކަމުން، ކުޑަ ކުދިންނަށް އޮންލައިން މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ދުނިޔޭގެ އެހެން ޤައުމު ތަކުގައި އަޅަމުން އަންނަ ރަނގަޅު ފިޔަވަޅުތައް ރާއްޖެ އިން ވެސް ބަލަމުން އަންނަ ކަމަށް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް